ތިން މީހަކު ހައްޔަރުކޮށް، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި، އެ ތަކެތި ވިއްކަން ސޯޝަލް މީޑިއާގައި ބޭނުންކުރާ ޗެނަލްތަކާއި މޯބައިލް ފޯނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެގޮސްފިއެވެ.
ފުލުހުން ބުނީ އެކަން ހިންގާފައި ވަނީ އިއްޔެ ހަތަރު މީހަކަށް އަމާޒުކޮށްގެން ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ.
މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތިން އެޕާޓްމަންޓް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި، ރާއްޖެ އެެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއި އެ ތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތަކާއި އެ ހަތަރު މީހުންގެ މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އެއްބަނޑު އެއްބަފާ ތިން މީހުންނެވެ. އެއީ ލ. މާބައިދޫ / ޝޭޑީކޯނަރ، ނަޝްވާން މުހައްމަދު (32އ) އާއި ނަޙުޒާން މުހައްމަދު (25އ) އަދި ނަބުހާން މުހައްމަދު (22އ) އެވެ.
މި އޮޕަރޭޝަނުގައި، އެ ތަނުން އެކަކު ދުއްވި ސައިކަލާއި ބަލައިފާސްކުރި އެޕާޓްމަންޓުތަކުން ގިނަ އަދަދެއްގެ ވޭޕްއާއި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެއްޗާއި 111880 ރުފިޔާގެ އިތުރުން ރާއްޖެ އެތެރެކުރުން މަނާ އެހެނިހެން ތަކެތި ފެނިފައިވެއެވެެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނަޝްވާން މުހައްމަދު (32އ) އާއި ނަޙުޒާން މުހައްމަދު (25އ) ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލައިފައެވެ. އަދި ނަބުހާން މުހައްމަދު (22އ) ތިން ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު