އޮގަސްޓު 31، 2018ގައި ވަޅިން ހަމަލާދީ ގދ. ފަރެސްމާތޮޑާ/ ކޮކާ، 18 އަހަރުގެ އިބްރާހީމް އާގިލް މަރައިލި މައްސަލައިގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެކުށް ސ. ހިތަދޫ، ސްވޭހުހީނާގޭ، އަލީ މިޖުވާދު މާލިކުގެ މައްޗައް ސާބިތު ނުވާކަމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މީނާގެ މައްޗަށް ދައުލަތުން އެ ދައުވާ ކުރީ، 31 އޮގަސްޓް 2018 ވަނަ ދުވަހު އެމްއެމްއޭއާ ދިމާލު، ބޮޑު ތަކުރުފާނު މަގުގެ ޖެޓީ ސަރަހައްދަށް ވ. ފުލިދޫން މާލެ އައި "ސްކަލް ރައިޑާ" ލޯންޗް ގާތްކުރި ވަގުތު އެ ލޯންޗުން ފޭބި އިބްރާހިމް އަގީލަށް ހަމްދޫން ހަމްޒަތު ތޫނު އެއްޗެއް ބޭނުންކޮށްގެން ހަމަލާ ދީފައިވާކަމާއި، އެ ހަމަލާ ދިނުމަށްފަހު މިޖުވާދު ދުއްވަން އިން ސައިކަލުގައި ހަމްދޫން ހަމްޒަތު ގޮވައިގެން ފިލާފައި ވާތީ އާއި، އާގިލަށް ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާހޯދަމުން ދަނިކޮށް ނިޔާވެފައިވާތީ ކަމަށް، ދައުވާގައި ބުނެފައިވެއެވެ.
އާގިލްގެ މަރުގެ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއެވެ.
މިޖުވާންގެ އިތުރުން އޭގެ ތެރޭގައި ހިމެނެނީ، ހއ. ދިއްދޫ/ ސްނޯބާޑް، އިބްރާހީމް ވިޝާމް އާއި ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތެވެ.
އާގިލް މަރާލުމުގައި ބައިވެރިވުމުގެ ދައުވާކުރި ވިޝާމްގެ މައްޗަށްވެސް ކުށް ސާބިތު ނުވާކަމަށް މީގެ ކުރިން ކުރމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލައިގައި މިހާރު ދައުވާކުރަނީ ހަމްޒަތުގެ މައްޗަށް އެކަންޏެވެ.
މި މައްސަލާގައި މިޖުވާދުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ އެ ސަރަހައްދަށް މިޖުވާދު ދިޔަކަން އަދި ސައިކަލުގައި އެ ތަނުން ހަމްޒަތު ގެންދިޔައީ އޭނާކަން ސާބިތު ކުރެވޭ ވަރުގެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށެވެ. ދައުލަތުން ހުށަހެޅި ސިއްރު ހެކީން ވެސް ހާދިސާ ހިނގި ތަނުން މިޖުވާދު ފެނުނު ކަމަށް ބުނެފައި ނުވާކަމަށްވެސް ހުކުމްގައިވެއެވެ.
ދައުލަތުން ދެން ހުށަހަޅާފައި ވަނީ ސެކިއުރިޓީ ކެމެރާ ފުޓޭޖެވެ. އެ ފުޓޭޖު ނުސާފު ކަމާއި ސައިކަލެއްގައި ދެ މީހަކު ދާކަން ފިޔަވައި އެހެން އެއްވެސް ކަމެއް އެ ވީޑިއޯއިން ސާބިތު ނުވާ ކަމަށް މައްސަލަ ބެއްލެވި ގާޒީގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން މިޖުވާދުގެ މައްޗަށް ދައުލަތުން ކުރި، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުކުރަން ބޭނުން މިންވަރަށް ޝަރީއަތަށް ހެކި ގަރީނާ ލިބިފައި ނުވާތީ، އޭނާގެ މައްޗަަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތު ނުވާކަމަށް ކަނޑައަޅާކަމަށް ވަނީ ހުކުމްކޮށްފައެވެ.
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު