ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފިއެވެ.
އެ މައްސަލައިގައި ހިމެނޭ، ކުރީގެ ރައީސް، އަބްދުﷲ ޔާމީން އާއި ޔޫސުފް ނައީމުގެ އިތުރުން މި މައްސަލަ ހުށަހެޅި ދައުލަތުގެ ފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަތަކަށްފަހު، މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، މީގެ ކުރީންވެސް މި މައްސަލައިގެ އަޑުއެހުންތައް ނިންމާލެވިފައިވާ ކަމަށެވެ. ނަމަވެސް މިއަދުގެ އަޑުއަހުމަކީ، "ބެންޗު ބަދަލުވުމުން" އިޖުރާއަތު ފުރިހަމަކުރުމުގެގޮތުން ބޭއްވި އަޑުއެހުމެއް ކަމަށްވެސް ވިދާޅުވިއެވެ. މިއަދުގެ އަޑުއެހުމުގައި ވަކީލުންނާ އިތުރަށް ސުވާލު ކުރެވިފައިވާތީ، އުއްމީދު ކުރައްވަނީ މި މައްސަލައިގައި އަވަހަށް ގޮތެއް ކަނޑައެޅުއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އާ ބެންޗުގައި ފަނޑިޔާރު ޝުޖޫނުގެ އިތުރުން ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީލޯންޑަރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެމްބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ގައި އެ ކޯޓުން ނިންމާފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ހައި ކޯޓުގެ އެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ.
ސުޕްރީމް ކޯޓުގައި މީގެ ކުރީން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ ހައި ކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާއެވެ.
- ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށް
- (ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތައާރުޒުވާ ކަމެއް ނޫން
- (ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުހަލާއަށްވުރެ ދަށު މަރުހަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެން ވޭ
- (ރ) މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުހަލާގެ ކޯޓުތަކުން ތަބާވާންވާނެ
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު