ސޯލްޓް އެންޑް ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށް 1.2 މިލިޔަން ފުރިޔާ ދެއްކުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ހައިކޯޓުން އަމުރެއް ނުކޮށްދިނެވެ.
މި މައްސަލައަކީ ސޯލްޓުން ވެމްކޯއަށް ވިއްކާފައިވާ ތަކެއްޗަށް ދައްކަން ޖެހި ނުދައްކައި އޮތް 1.2 މިލިޔަން ރުފިޔާ އާއި އެ މައްސަލައިގައި ޝަރީއަތަށް ހުށަހަޅަން ޖެހުމުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަން ޖެހުނު 50،000 ރުފިޔާއާ އެކު ޖުމްލަ 1.3 މިލިޔަން ރުފިޔާ ވެމްކޯއިން ހޯދުމަށް ސޯލްޓް އިން ކުރި ދައުވާއެކެވެ.
މި މައްސަލައިގައި ކޯޓުގައި ވެމްކޯއިން ބުނެފައިވަނީ، ސޯލްޓަށް ދައްކަން ޖެހޭ ކަމަށް ދައުވާގައި ބުނެފައިވާ 1.2 މިލިޔަން ރުފިޔާގެ ތެެރެއިން 115،428 ރުފިޔާއަކީ ދައްކާފައިވާ ފައިސާއެއް ކަމަށެވެ.
އެހެންކަމުން ސޯލްޓް އަށް ދައްކަން ޖެހޭނީ އެ ފަރާތުން ހޯދަން އެދުނު 1،280،920 ރުފިޔާގެ ތެރެއިން 115،428 އުނިކުރުމަށްފަހު ބާކީ އޮންނަ 1.1 މިލިޔަން ރުފިޔާކަަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެކަމާ ބެހޭ ލިޔެކިޔުންތަކަށް ބަލައި، ވެމްކޯއިން ސޯލްޓްއަށް 115،428 ރުފިޔާ ދައްކާފައިވާ ކަމަށް ސާބިތުވާތީ، ވެމްކޯއިން ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 1.1 މިލިޔަން ރުފިޔާކަމަށް ޝަރީއަތުން ކަނޑައެޅިއެވެ.
އެއާއެކު ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސޯލްޓް އިން ވަކީލަށް ހަރަދު ކުރަން ޖެހުނު 50،000 ރުފިޔާއާ އެކު ޖުމްލަ 1.2 މިލިޔަން ރުފިޔާ 15 ދުވަހުގެ ތެރޭގައި ސޯލްޓް އަށް ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ އޯގަސްޓްކަމުގެ 10 ވަނަ ދުވަހު ހުކުމްކުރިއެވެ.
ނަަމަވެސް މި މައްސަލައިގައި ސިވިލްކޯޓުން ހުކުމްކުރީ ގޯސްކޮށް ކަމަށް ބުނެ ވެމްކޯގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރިއެވެ. އަދި މި މައްސަލައަށް ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން ސިވިލްކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރަކަށްވެސް ވެމްކޯއިން ހައިކޯޓުގައި އެދުނެވެ.
އެހެންކަމުން މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ކުރި އަމުރުގައިވަނީ، ސޯލްޓަށް 1.1 މިލިޔަން ރުފިޔާ ދެއްކުމަށާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުމަށް ވެމްކޯގެ މައްޗަށް ހުކުމްކުރި ސިވިލްކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ ތެެރެއިން ދެ ފަރާތުގެ ދެމެދުގައި ހުސޫމަތެއްނެތްކަމެއްގެ މައްޗަށް ސިވިލްކޯޓުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް މިހިނދަށް އަންގާނެ ތަނެއް ނެތްކަމަށެވެ.
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު