މި އަަހަރުގެ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ވަގުތެއްގައި ލ. ކައްދޫގައި ކަފިހިހުރަސް މަތިން މަގުހުރަސް ކުރަނިކޮށް، ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލަކުން ދެ މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެ މީހަކު މަރުވި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. މި މައްސަލަ އެ އޮފީހުން ބަލައިގެންފައިވަނީ ސެޕްޓެމްބަރު 28 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ލ. ފޮނަދޫ / ހޯރަވިލާ، މުހައްމަދު ނައުސާން (37އ) ގެ މައްޗަށެވެ.
މި މައްސަލައާ ގުޅިގެން އޮގަސްޓު 16 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. މީނާއަކީ ޓްރެފިކް ގަވާއިދާ ހިލާފުވެގެން އެކިފަހަރުމަތީން ޖޫރިމަނާކޮށްފައިވާ މީހެކެވެ. އަދި މީނާއަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ނޫނެވެ.
މި އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ 64 އަހަރުގެ ދިވެހި އަންހެނެކެވެ.
އިބްރާހިމް ޒަކީ
އެމްޓީސީސީ
އިންޑިއާ
ކެންސަރު
އިގްތިސޯދު