ރ. އަލިފުށީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އާ ބްރާންޗެއްގެ ބިންގާ އަޅައިފި އެވެ.
ބީއެމްއެލްއިން ބުނީ އެކަމަށްޓަކައި މިއަދު އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ލޯކަލް ގަވަމަންމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރާއި ބީއެމްއެލްގެ ޗެއާޕާސަން އަހްމަދު އަލީ ހަބީބާއި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން ބީއެމްއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
"އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅިގެން ދިޔުމަކީ ރ. އަތޮޅުގައި އަޅުގަނޑުމެންގެ ހިދުމަތް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި އާ ބްރާންޗުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ، މިއާއެކު މިރަށުގެ ރައްޔިތުންނަށް މިހާރަށްވުރެވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ލިބޭނެ." އެ ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވިއެވެ.
އެއީ މުޅި އަތޮޅަށް ދެމުން އަންނަ ބޭންކިން ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަލަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ބްރާންޗެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.
މިހާރުވެސް ބޭންކުން އަންނަނީ ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްގައިފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސާވިސް ބޭންކިން ސެންޓަރު، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއިލް އިން ބުންޏެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް