މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކުގެ ލިސްޓް އިލެކްޝަން ކޮމިޝަނުން މިއަދު އާންމުކޮށްފިއެވެ.

މީޑިއާ ކޮމިޝަންގެ އިންތިހާބު އޮންނާނީ އަންނަ މަހު 11ގައެވެ. އެ ކޮމިޝަންގެ މެންބަރުކަމަށް ވާން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެ ލިސްޓުގައި 353 މީޑިއާ ހިމެނެއެވެ.

އެ އިންތިހާބުގައި ވޯޓު ލެވޭ ލިސްޓު އާންމުކޮށް އިލެކްޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ ލިސްޓަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިއަދުން ފެށިގެން މާދަމާ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ފޯމުން ކަމަށާއި އެ ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެ ކަމަށެވެ. ޝަކުވާ ހުށަހެޅޭނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް ކަމަށްވާ، [email protected] އަށެވެ.

މިދިޔަ ހަފުތާގެ އާދީއްތަ ދުވަހުން ފެށިގެން މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ހިންގަނީ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަންކޮށްފައިވާ ސިވިލް ސާވިސް މުވައްޒަފުން ހިމެނޭ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

ގާނޫނުގައިވާ ގޮތުން، ވަގުތީ މެންބަރުން އައްޔަން ކުރާތާ 30 ދުވަހުގެ ތެރޭގައި ދާއިމީ ކޮމިޝަން އެކުލަވާލަން ޖެހޭނެއެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި މަޖިލީހުން އައްޔަންކުރާ ތިން މެންބަރުންނާއެކު، މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުން ވެސް އިންތިހާބުކުރަން ޖެހޭނެއެވެ.