ރައީސް މުހައްމަދު މުއިއްޒު، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރަށާއި ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.

މިދަތުރުފުޅުގައި ރައީސް ވަނީ އަތޮޅުތަކުގެ އެކި ރަށްރަށުގައި ތަރައްގީގެ އެކި މަޝްރޫއުތަކާއި މަސައްކަތްތައް ފައްޓަވައިދެއްވައިފައެވެ. އަދި ބައެއް މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވެސް ވަނީ ސޮއިކުރައްވައިފައެވެ.

އެގޮތުން ރައީސް ވަނީ އާރްޓީއެލް ފެރީ ނިޒާމުގެ ހިދުމަތް ފައްޓަވައިދެއްވައި ވައިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުތައް ފައްޓަވައިދެއްވައިފައެވެ. އަދި ހަތަރު އަތޮޅުގެ ބައެއް ރަށްރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހިދުމަތް އެމަނިކުފާނު ވަނީ ފައްޓަވައިދެއްވައިފައެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާ ގުޅޭ ބައެއް މަޝްރޫއުތަކާއި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާއި ތައުލީމާއި ސިއްހަތާ ގުޅުންހުރި މަސައްކަތްތަކާއި މަސްވެރިކަމާއި އަދި ދަނޑުވެރިކަމުގެ މަޝްރޫއުތަކާ ގުޅޭ މުހިންމު ނިންމެވުންތައް ވަނީ ނިންމަވައިފައެވެ.

މި ދަތުރުފުޅުގައި، ހަތަރު އަތޮޅުގެ މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަންފައިވެއެވެ.