އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަރުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ހެކިންގެ ހެކިބަސް ނެގުމަށްޓަކައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) މުހައްމަދު ރިޔާޒު ކުރިމިނަލް ކޯޓަށް ހާޒިރުކުރަން ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ކުރިއަށްދެން އޮތީ، ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމެވެ.

ނަމަވެސް ހެއްކެއްގެ ގޮތުގައި ރިޔާޒު ހާޒިރުކުރަން ޔާމީންގެ ވަކީލުންގެ ޓީމުން ހުށަހެޅީ، އެ މައްސަލައިގައި ޔާމީނާއެކު ކުރިން ދައުވާ ލިބުނު އަހުމަދު ކްރިކް ރިޒާ، އެ މައްސަލައިގެ ތަހުގީގުގައި، އޭސީޕީ ރިޔާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ އޯޑިއޯއެއް ފެންމަތިވެފައިވާތީއެވެ.

އެ އޯޑިއޯ ހޯދުމަށް ދައުލަތުގެ ކިބައިން އެދިފައިވާނެ ކަމަށްވެސް ޔާމީންގެ ވަކީލުންގެ ޓީމުން ބުންޏެވެ. އަދި ރިޔާޒްގެ ހެކިބަހަކީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ކުރިން އެ މައްސަލައިގައި ނެގުން މުހިންމު ހެކިބަހެއް ކަމަށް ވެސް ވަކީލުންގެ ޓީމުން ބުންޏެވެ.

އެ ހުށަހެޅުމާ ގުޅިގެން ދައުލަތުން ބުނީ އެ އޯޑިއޯ ހެއްކާއި ރިޔާޒްގެ ހެކި ޝަރީއަތަށް ބަލައިގަތުމާ މެދު ޗެލެންޖް ކުރުމުގެ ފުރުސަތު ބޭނުންވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ، އަލީ ނަދީމް މިއަދު ފުރަތަމަ ނިންމެވީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި މިއަދު ކުރިއަށް ގެންދިއުމަށްފަހު، ޔާމީންގެ އެ ހުށަހެޅުންތަކާ މެދު ފަހުން ގޮތެއް ނިންމުމަށެވެ.

ނަމަވެސް ޔާމީންގެ ވަކީލުން އެދުނީ ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމާއި ހުލާސާ ބަޔާން ހުށަހެޅުން އެއްކޮށް ކުރިއަށް ގެންދިއުމަށެވެ.

އެހެންކަމުން ގާޒީ ނިންމެވީ ޔާމީން އެދުނުގޮތަށް ރިޔާޒް ހާޒިރުކުރުމާއި އޯޑިއޯއާ ބެހޭގޮތުން ހުށަހެޅި ކަންކަން ދިރާސާ ކުރެއްވުމަށްފަހު، އެކަމާ މެދު ފަހުން ގޮތެއް ކަނޑައެެޅުމަށެވެ. އެހެންކަމުން ހެއްކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބައި މިއަދު ކުރިއަށް ނުގެންގޮސް، އަޑުއެހުން ވަނީ ނިންމާލައިފައެވެ.