ވޭމަންޑޫ-ކިނބިދޫ ކޯޒްވޭގެ މަސައްކަތް ކުރިއަށްގެންދާނީ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއުއަކާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ތ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ވޭމަންޑުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވިދާޅުވީ، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭގެ މަސައްކަތް ޓޫރިޒަމް މަޝްރޫއަކާއެކުއެކީގައި ކުރިއަށްގެންދިއުމަށް އެކަމަށް ޑިވެލޮޕަރެއް ހޯދުމަށް މި މަހުގެ 22 ވަނަ ދުވަހު ކޮންސްޓްރަކްޝަން މިނިސްޓްރީން ހުޅުވާލައިފައިވާ ކަމަށެވެ.
"މިކަމަށް (ކޯޒްވޭ ހެދުމަށް) ޝައުގުވެރިވާ ފަރާތްތައް ހޯދުމާއި އިންޓަގްރޭޓެޑް ޓޫރިޒަމް އައިލެންޑެއް ގޮތުގައި މި ދޭތެރޭގައި އޮންނަ އެލާގައި އިންވެސްޓްކުުރުމަށް އައި އެ ޕްރޮޖެކްޓް ނަގާ ފަރާތުން ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން މިކަން ކުރުމަށް އަދި އެ ކުރާ އިންވެސްޓްމަންޓް ކަވާ ކުރެވޭނެ އެހެން ޕްރޮޕޯސަލްތައްވެސް ހުރިހާ އޮޕްޝަންތައްވެސް އެބަހުރި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަޝްރޫއު ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދިއުމަށްވުރެ، ރަށާއި އެ ސަރަހައްދަށް ފައިދާ ބޮޑުވާނީ ފަތުރުވެރިކަން އެ އަތޮޅުގައި ފުޅާވާނެ ފަދަ ގޮތަކަށް މަޝްރޫއު ކުރިއަށްގެންދެވިގެން ކަމަށެވެ.
ރައީސް ވިދާޅުވީ، ތ. އަތޮޅަކީ ޓޫރިޒަމް ފުޅާކުރަން ބޭނުންވާ އަތޮޅެއް ކަމަށާއި އެހެންކަމުން އެ އަތޮޅު ހިމެނޭހެން ބައެއް އެހެން އަތޮޅުތަކުގައި ޓޫރިޒަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ބޮޑެތި ލުއިތައް މިހާރު ލިބޭނެ ކަމަށެވެ. އެކަމުގެ ތަފްސީލުތައްވެސް އެ މަނިކުފާނު ދެއްވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ވަނީ ވޭމަންޑޫގެ ތަރައްގީއަށް ކުރަން ރާވާފައިވާ ކަންކަންވެސް ހިއްސާކުރައްވައިފައެވެ. އެގޮތުން އެ ރަށުގެ ބަނދަރުގެ މަޝްރޫއު ތާވަލާ އެއްގޮތަށް ކުރިއަށްދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި އެ ރަށަށް 25 ހެކްޓަރު ބިން އިތުރުކުރުމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން އެ ރަށުގެ ސްކޫލުގެ ޖާގަ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ރަށުގައި 50 އެނދުގެ މުޅިން އާ ހޮސްޕިޓަލެއް ހެދުމަށް ބޭރުގެ ފަންޑު ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު