ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި އެކްސިޑެންޓުވުމުން ކާރު މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، ހުޅުމާލެ ފޭސް 2 ހިތިގަސްމަގު، އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކާރުންޖެހި އެ މީހާ ވެއްޓުމުން، ކާރު ވަނީ މަޑުނުކޮށް އެ ސަރަހައްދުން ގޮސްފައެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާގެ އެއްފައިގެ ކަށިމަތި ވަނީ ބިންދައިގެން ގޮސްފައެވެ. އެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.

މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް / ދަޑިމަގު. ނައިސް، ހާލިދު އަބްދުﷲ އަލީ (57އ) ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ އިއްޔެ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.