މ. އަތޮޅު ރަތްމަންދޫގެ ރައްޔިތުން އެހެން ރަަށަކަށް ހިޖުރަކުރަން ނިންމައިފިނަމަ، އެ ރަށެއްގައި ގެދޮރުބިނާކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި ރަތްމަންދޫ ރައްޔިތުން ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރަތްމަންދުއަށް މިއަދު ވަޑައިގެން އެރަށު ރައްޔިތުންނާ އެކު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވާ އާއިލާތަކަކާއި ރަށުގައި ތިބެން ބޭނުންވާ އާއިލާތަކެއް ރަތްމަންދޫގައި ތިބިކަން ފާހަގަ ކުރައްވައި، ހިޖުރަކުރުމުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ރައްޔިތުންނާ ހިއްސާކުރެއްވުމަށް އެރަށު ކައުންސިލްގެ ރައީސް އިސްމާއީލް ނާހިދު އެދިވަޑައިގަތުމުން ރައީސް ވަނީ އެ މައުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައިފައެެވެ.
ރައީސް ވިދާޅުވީ، ހިޖުރަކުރަން ބޭނުންވާ އާބާދީތަކަށް ސަރުކާރުން ބޭނުން ވަނީ، ފުދުންތެރި ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދީ، ކުރިމަގު ބިނާކޮށްދިނުމަށް ކަމަށެވެ. މިކަން ކުރިއަށްގެންދާނީ ވަރަށް ރޭވުންތެރިކަމާ އެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަތްމަންދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރާނީ އާބާދީގެ 80 ޕަސެންޓްގެ ރުހުން ލިބުމުން ކަމަށެވެ.
އެގޮތުން، ރަށުގެ ރެޖިސްޓާޑް ކޮންމެ ގެއަކަށް ތިން ކޮޓަރީގެ ބޯހިޔާވަހިކަމެއް، ގެއަޅާފައި ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށާއި ބަދަލުވާ އާއިލާތަކަށް މިހާރު ދޭ 50000 ރުފިޔާ ރިވައިޒްކޮށް އެ އަދަދު ބޮޑުކޮށްދެއްވާނެ ކަަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބޭނުންވެ ވަޑައިގަންނަވަނީ ސިއްހީ، ތައުލީމީ، އަސާސީ ހިދުމްތަތައް އަދި އުމްރާނީގޮތުން ކުރިއަރާފައިވާ ތަނަކަށް ދިރިއުޅުން ބަދަލުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ ރަށުގެ ކައުންސިލާއި ރައްޔިތުންނާ އަދި ކަމާގުޅުންހުރި ވުޒާރާތަކާއި އިދާރާތައް މެދުވެރިކޮށް ރައްޔިތުންގެ މެދުގައި ވޯޓެއް ނަގައިގެން ކުރިއަށް ދިއުމަށް ކަމަށްވެސް ވިދާޅުވިއެެވެ.
އެގޮތުން ރައްޔިތުން ބަދަލުވާން ނިންމައިފިނަމަ، ބަދަލުވާ ރަށުގައި މިއަހަރު ނުވަތަ އަންނަ އަހަރު ވީހާވެސް އަވަހަށް ގެތަށް އަޅައިދޭން ފަށާނެ ކަމަށާއި ގެތައް އަޅައިދޭން ފަށައި އެއް އަހަރުން ނިންމައި އެރަށަށް މީހުން ބަދަލުކުރެވިދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ
މަސްތުވާތަކެތި އެތެރެކުރުން
ބޭރު ކުޅިވަރު