އޫރިދޫ ނޭޝަން އިން އިންތިޒާމުކޮށްގެން ބޭއްވި އެލީޓް ޝޯޑައުން 2025 - އީއޭއެފްސީގެ ޗެމްޕިއަންކަން މުހައްމަދު އައިމަން ހޯދައިފިއެވެ.

މަގުބޫލު ފުޓްބޯޅަ ވީޑިއޯ ގޭމެއް ކަމަށްވާ އީއޭއެފްސީގެ މި މުބާރާތް ބޭއްވީ ހުޅުމާލޭގައި ހުންނަ އޫރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާސްގައެވެ.

ސިންގަލް އެލިމިނޭޝަން ފޯމެޓެއްގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ 24 ކުޅުންތެރިން ބައިވެރިވެ ވާދަކުރިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި މުހައްމަދު އައިމަނަށް 5،000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ދެވަނައަށް ދިޔަ އަބްދުﷲ މާހިލަށް 3،000 ރުފިޔާ އަދި ތިންވަނައަށް ދިޔަ މުހައްމަދު ޒަމީލަށް 2،000 ރުފިޔާގެ އިނާމު ލިބިގެން ދިޔައެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓްގެ އިސްވެރިން އަދި ރޭސިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އިވެންޓް ނިންމާލުމުގެ ގޮތުން، މުބާރާތުން ވަނަތައް ހޯދި ދެ ކުޅުންތެރިން ކަމުގައިވާ ޒަމީލާއި އައިމަން ވަނީ އެފްސީ26 ގައި ޑެމޯ މެޗެއް ކުޅެ، ވާދަވެރި ފުޓްބޯޅަ ގޭމިންގގެ ދެން ކުޅޭ ގޭމް، އީއޭއެފްސީ 26ގެ ފުރަތަމަ ތަޖުރިބާ ދައްކާލައިފައެވެ.

އުރީދޫން ބުނީ މިއީ ރާއްޖޭގެ އީސްޕޯޓްސް ދާއިރާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމުގައި ފާހަގަކުރެވޭ ކަމަށެވެ.