އަބުރާ ބެހުނު ކަމަށްބުނެ، ދިޔަރެސް ނޫހާއި އެނޫހުގެ އެޑިޓަރު، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު، ސަންސެތްވިލާ / ސ. ހިތަދޫ، އަތުން ދިހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޯދަން، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު، އަހުމަދު ސަލީމް ރަބީއު މަންޒިލް ހއ. ހޯރަފުށި، ކުރި ދައުވާގައި ދިރެސް އާއި ހިނާ އަށް، 15،000 ރުފިޔާ ދައްކަން ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ 25 ޖޫން 2022 ގައި، "ނޫސްވެރިޔާ ނަސީރު އެއްޖިންސުން ގުޅުންހިންގާ ވީޑިއޯއެއްް އާއްމުވެއްޖެ" މި ސުރުހީގެ ދަށުން ދިޔަރެސް ނޫހުގައި، ޝާއިއުކޮށްފައިވާ ލިއުމުގައި، "ނަސީރާއެކު އެ ވީޑިއޯއިން ދެން ފެންނަ މީހާގެ މޫނެއް ނުފެނެއެެވެ. ނަމަވެސް އަޑު ފެތުރިފައިވާ ގޮތުގައި އެ ވީޑިއޯއިން ދެން ފެންނަ މީހަކީ އަހްމަދު ސަލީމް" ކަމަށް ލިޔެފައިވާ ލިއުމަކާ ގުޅިގެން ސަލީމް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ސަލީމް ބުނެފައިވަނީ، ސަލީމްގެ އަބުރާބެހި ސަލީމްގެ އަބުރަށް ގެއްލުން ލިބޭ ގޮތަށް "ދިޔަރެސް" ނޫހުގައި އެ ލިއުން ޝާއިރު ކޮށްފައިވާ ކަމަށެވެ. އަދި އެ ލިއުމުގެ ސަބަބުން ސަލީމްގެ ގަދަރާއި އިއްޒަތަށް އުނިކަން ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ދިޔަރެސް މީޑިއާ އާއި ހީނާ ވަލީދު، ސަލީމްގެ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައިދީ އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ދިޔަރެސް މީޑިއާ އަދި ހީނާ ވަލީދުގެ މައްޗަށް މި މައްސަލައިގައި ސަލީމް ވަނީ ދައުވާކޮށްފައެވެ.

މި ދައުވާގައި ސަލީމް އެދިފައިވަނީ، އެ ހަބަރުގައި ސަލީމަށް ނިސްބަޔްކޮށް ލިޔެފައިވާ ބަޔަކީ، އެއްވެސް އަސާސެއް ނެތް ދޮގު ހަބަރެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، އެ ހަބަރުގައި ސަލީމަށް ނިސްބަތްކޮށް ލިޔެފައިވާ ބަޔަކީ، ސަލީމްގެ އަބުރަށް ގެއްލުން ލިބޭގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ ދޮގު ހަބަރުގެ ސަަބަބުން، ލިބިފައިވާ މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ ނަގައިދިނުމަށާއި، ލިބިފައިވާ މައުނަވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 10 މިލިޔަން ރުފިޔާ ނަގައިދިނުމަށްވެސް އެދިފައިވެއެވެ.

އޭގެ އިތުރުން ހަބަރުގެ ސަބަބުން މައްސަލަ ޝަރީއަތަށް ހުށަހަޅަން ޖެހުމުގެ ސަބަބުން، ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުން އަދި މި ދައުވާގައި ބަޔާންކޮށްފައިވާ އެެންމެހާ ކަންކަމަށް ދިޔަރެސް މީޑިއާ އާއި ހީނާ ވަލީދު ވަކިވަކިން އަދި އެކުއެކީ ޒިންމާވާންޖެހޭ ކަަމަށް ކަނޑައަޅައިދިނުުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ދިފާއުން ހުށަހެޅި ހުށަހެޅުންތަކަށް ބަލައި، ސިވިލްކޯޓުން އިއްޔެ ކޮށްފައިވާ ހުކުމްގައި ވަނީ، ދިޔަރެސް ނޫހުގައި ޝާއިއު ކޮށްފައިވާ ހަބަރާ ގުޅިގެން، މޯލްޑިވްސް މީޑިއާ ކައުންސިލަށް ސަލީމްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

ގާނޫނަކުން ލިބިދޭ ހައްގަކުން ދައުވާ އުފުލިދާނެ މައްސަލައެއް މީޑިއާ ކައުންސިލަށް ހުށަހަޅަނީ، އެ ހައްގު ދޫކޮށްލުމަށްފަހުކަން، މީޑިއާ ކައުންސިލްގެ ގާނޫނުން އެނގޭ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރާ ބެހޭގޮތުން ސަލީމްގެ ފަރާތުން މީޑިއާ ކައުންސިލަށް މައްސަލަ ހުށަހަޅާފައިވަނީ އެ ހަބަރާ ގުޅިގެން ދައުވާ ކުރުމުގެ ހައްގު ދޫކޮލުމަށްފަހުގައި ކަމަށްވާ އިރު، އެ ހަބަރާ ގުޅިގެން ސަލީމްގެ އަބުރު ގެއްލިފައިވާ ކަމާއި އަދި އެކަމުގެ ބަދަލު ހޯދުމަށް އެދޭ މައްސަލައެއް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ.

މައްސަލައިގެ ޝަރީއަތުގެ ހަރަދަކީ ދައުވާ ކާމިޔާބު ކުރާ ފަރާތަަކަށް، އެ ދައުވާ ކާމިޔާބު ނުވި ފަރާތުން ނަގައިދޭ ހަރަދެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންކަމުން މި ދައުވާއިން، ސަލީމް ހޯދުމަށް އެދުނު ފަރުވާތަކަކީ ނަގައިދެވިދާނެ ފަރުވާތަކެއް ނޫން ކަަމަށް ކަނޑައަޅައި، މި ދައުވާއާ ގުޅިގެން ޝަރީއަތުގެ ހަރަދުގެ ގޮތުގައި ސަލީމްގެ ފަރާތުން ދިޔަރެސް އާއި ހީނާއަށް ދައްކަންޖެހޭ ކަަމަށް ކަނޑައަޅައި، އެ ފައިސާ އެފަރާތްތަކަށް ލިބިދިނުމުގެ ގޮތުން އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހުގެ ކުރިން ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށްވަނީ ސަލާމުގެ މައްޗަށް ހުކުމްކޮށްފައެވެ.