ފ. ދަރަނބޫދޫ ރައްޔިތުންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގެންނެވި ވައުދުތައް ފުއްދުމަށްޓަކައި އެ މަޝްރޫއުތައް މިއަަހަރު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ދެއްވައިފި އެވެ.
ފ އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސް މިއަދުވަނީ ދަރަނބޫދޫއަށް ވަޑައިގެން ބައެއް މަޝްރޫއުތައް ފައްޓަވައި، ރައްޔިތުންނާ ބައްދަލުކުރައްވައިފި އެވެ.
ރައީސް ވިދާޅުވީ ދަރަނބޫދޫ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދައި އިތުރު މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެރަށުގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތާއެކު އެރަށުގެ ސިއްހީ މަރުކަޒަށް ބޭނުންވާ ޖާގަ އާއި ވަސީލަތްތައް އިތުރުވެގެންދާނެ ކަމަށެވެ. އެއާއެކު ދަރަނބޫދޫ ސިއްހީ މަރުކަޒުން ހިދުމަތްދޭ ވަގުތު 16 ގަޑިއިރަށް އިތުރުކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"އަދި އެތަން ނިމެންދެން މަޑުނުކޮށް މިހާރުވެސް މިއަހަރު ތެރޭގައިވެސް ތިބޭފުޅުންނަށް އިތުރަށް ސިއްހީ ހިދުމަތް ވަރުގަދަކޮށްދިނުމަށްޓަކައި ނަރުހެއް އިތުރުކުރުމަށްޓަކައި ދާދި އަވަހަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ސަރުކާރުން ދޭން ޖެހޭ ހުއްދަ ދޭނަން،" ރައީސް ވިދާޅުވި އެވެ.
ރައީސްވަނީ ދަރަނބޫދޫ ސްކޫލްގައި އިތުރު ތިން ކްލާސްރޫމާއެކު މަލްޓި ޕާޕޯސް ހޯލެއް އެޅުމަށް ވެފައިވާ ވައުދުވެސް މިއަހަރު ފުއްދައިދޭނެ ކަމަށް ވިދާޅުވެފައެވެ. އެ މަސައްކަތް އަދި މިހާތަނަށް ހަވާލުކޮށްފައިނުވި ނަމަވެސް މި އަހަރުގެ ތެރޭގައި އަމަލީ މަސައްކަތް ފަށައިދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ދަރަނބޫދޫގައި ދުވާ ޓްރެކަކާއެކު ފުޓުބޯޅަ ދަނޑު ހެދުމުގެ މަޝްރޫއުވެސް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އެހެންވީމަ ތިން މަޝްރޫއު އެކުއެކީގައި އަމަލީގޮތުން ކުރިއަށްދާނެ ކަމުގެ ޔަގީންކަން އަރުވަން، އެހެންވީމަ އަޅުގަނޑު ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް އެ ތިން ދާއިރާއިން ފުއްދިގެން އެދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސްވަނީ އެރަށުގައި ފުލުހުންގެ މަރުކަޒެއް ހެދުމުގެ މަސައްކަތްވެސް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
ދަރަނބޫދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއެއް ހިމަނާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު