ދެވަނަ ފަހަރަށް 86 ކައުންސިލަކާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ތެރެއިން މިހާތަނަށް ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާ އެއް ފަހަރު ބައްދަލުކުރައްވައިފައެވެ.

ފ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ މިހާރު ތާވަލުކުރެވިފައި އޮތް ގޮތުން އަންނަ މަސް ނިމޭއިރުގައި އެންމެ އަތޮޅެއްގެ ރަށްތައް ފިޔަވައި، ހުރިހާ އަތޮޅެއްގެ ރަށްތަކަށް ވަޑައިގެންނެވޭނެ ކަމަށެވެ. އަދި ޝެޑިއުލަށް ބަދަލެއް ނާންނަ ނަމަ، ނޮވެމްބަރު މަހުގެ ކުރީކޮޅުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެންނެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑަށް ރާއްޖޭގެ ހުރިހާ ކައުންސިލަކާ ބައްދަލުކުރުމުގެ ތެރެއިން މިހާރު ހުރިހާ ކައުންސިލަކާ ބައްދަލުވެފައި މިއޮތީ. އޭގެ އިތުރުން ދެވަނަ ބުރަށް ބައްދަލުކުރަން ފަށައިގެން ގޮސް، މިރޭ މި ރަށުގެ ކައުންސިލާ ބައްދަލުވީމަ ދެވަނަ ފަހަރަށް 86 ކައުންސިލަކާ މި ބައްދަލުކުރެވުނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުމުގެ އުސޫލެއް ކަމަށާއި މި ސަރުކާރުން ކައުންސިލުތަކުގެ ގާތަށް، ރައްޔިތުންގެ ގާތަށް ދާނެ ކަމަށެވެ. އަދި އަންނަ ނޮވެމްބަރު މަހު ރާއްޖޭގެ ހުރިހާ ކައުންސިލަކާއި ހުރިހާ ޑަބްލިޔުޑީސީއަކާ ވެސް ދެވަނަ ފަހަރަށް ބައްދަލުކުރެއްވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.