ފ. ބިލެތްދޫގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފިއެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ފ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ބިލެތްދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައެވެ.
އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު އެމަނިކުފާނު ވަނީ ހަނދާނީ ބޭންކު ކާޑެއް ރަށު ކައުންސިލާ ހަވާލުކުރައްވައިފައެވެ.
ބިލެތްދޫގައި ގާއިމުކޮށްފައިވާ ބީއެމްއެލް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެއެވެ.
އަތޮޅުތެރޭގެ ރަށްރަށުގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 12 އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވަނީ ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ހިދުމަތް ދޭން ފަށައިފައެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގެ ތެރެއިން އެންމެ ފަހުން ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ މިއަދުގެ ވަގުތެއްގައި ވ. އަތޮޅުގައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ދަށުން މުޅި ރާއްޖޭގައި އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު ބީއެމްއެލުން ކުރިއަށްގެންދާ އިރު، އެ ކުންފުނީގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް އެ މަޝްރޫއު އެއްކޮށް ނިންމާލުމެވެ.
އެ މަސައްކަތުގެ ދަށުން ރާއްޖޭގެ 20 އަތޮޅުގައި 42 ބްރާންޗް، 163 ސެލްފްސާވިސް ބޭންކިން ސެންޓަރާއި 222 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތްތައް ދިނުމަށް ބީއެމްއެލުން ވަނީ އަމާޒު ހިފައިފައެވެ.
ފާތިމަތު ލިއުޝާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް