މޯލްޑިވްސް ޕޯޓްްސް ލިމިޓެޑް (އެމްޕީއެލް)ގެ 39 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ "އެނިވާސަރީ ނައިޓް" ރޭ ބާއްވައިފިއެވެ.

ހެންވޭރު ދަނޑުގައި އެކަމަށް ހާއްސަކޮށް ރޭ ބޭއްވި ރަސްމިއްޔާތުގައި އަންނަ އަހަރު ފާހަގަކުރާ އެ ކުންފުނީގެ 40 ވަނަ އަހަރީ ދުވަހަށް ހާއްސަ ލޯގޯ އިފްތިތާހުކޮށް ކައުންޓްޑައުން ވަނީ ފަށައިފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެމްޕީއެލްއަށް ގިނަ އަހަރުތަކެއް ހިދުމަތްކޮށް، ފާއިތުވި ދެ އަހަރުގެ ތެރޭގައި ރިޓަޔާކުރި 15 މުވައްޒަފަކަށް ރިޓަޔަމަންޓް އެވޯޑް އެރުވިއެވެ. އަދި، މި އަހަރުގެ ކުރީކޮޅު ނިޔާވި އެ ކުންފުނީގެ ސެކިއުރިޓީ ސާވިސަސްގެ މުވައްޒަފެއް ކަމަށްވާ ރަފީގު އަހުމަދުގެ ހިދުމަތުގެ ހަނދާނަށް ހާއްސަ އެވޯޑެއް ވަނީ އަރުވައިފައެވެ.

އޭގެ އިތުރުން، އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ދޭ ހަތަރު އެވޯޑަކަށް ހޮވުނު މުވައްޒަފުންނަށްވެސް ވަނީ އެވޯޑް ހަވާލުކޮށްފައެވެ. އެއީ ރައިޒިން ސްޓާ އެވޯޑް، އައުޓްސްޓޭންޑިން އެެޗީވްމަންޓް އެވޯޑް، އައުޓްސްޓޭންޑިން ލީޑަޝިޕް އެވޯޑް އަދި ޓޮޕް 10 ސްޓާފް އެވޯޑެވެ.

ރޭގެ ރަސްމިއްޔާތުގައި މި އަހަރުގެ ރަމަޟާން މަހު އެމްޕީއެލްގެ މުވައްޒަފުންގެ މެދުގައި ކުރިއަށްގެންދިޔަ "މަށަށް އެނގޭ" ކުއިޒްގެ އެއްވަނައަށް ދިޔަ މުވައްޒަފަަށް ހުށަހަޅި މޮޓޯ ސައިކަލް ވެސް ވަނީ ހަވާލުކޮށްފައެވެ. އަދި މުވައްޒަފުންގެ މެދުގައި ނެގި ލަކީޑްރޯއަކުން ގިނަ އަދަދެއްގެ އިނާމުތަކެއް ވަނީ މުވައްޒަފުންނަށް ދީފައެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ކޯޕަރޭޓް މެގަޒިން "އުޅަނދު"ގެ ފުރަތަމަ އަދަދުވެސް ވަނީ ލޯންޗްކޮށްފައެވެ. އެ މެގަޒިން ލޯންޗްކޮށްދެއްވީ އެމްޕީއެލްގެ ފުރަތަމަ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ކަމާލުއްދީނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ، ޑީސީޕީ (ރިޓަޔާޑް) މުހައްމަދު ރިޝްވާން ވިދާޅުވީ ކުންފުނީގެ ކާމިޔާބީގެ ފަހަތުގައި ތިބީ ކުންފުނީގެ ހީވާގި މުވައްޒަފުން ކަމަށެވެ. އަދި ކުންފުނީގެ 40 އަހަރަށް ކުރިމަތިލާ އިރު، ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްކުރާނެ ކަމަށެވެ.

އެމްޕީއެލުން ބުނިގޮތުގައި އެ ކުންފުނީގެ 39 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތު މިހާ ކުލަގަދަކޮށް ފާހަގަކުރުމުގެ މަގުސަދަކީ މުވައްޒަފުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިކޮށް، އާލާކުރުމުގެ އިތުރުން، ވޭތުވެދިޔަ އަހަރުތަކުގައި ކުންފުންޏަށް އައި ކުރިއެރުންތައް ފާހަގަކޮށް، އެކަމުގެ ފަހަތުގައި ކުންފުނީގެ މުވައްޒަފުންގެ ހުރި މިންނެތް މަސައްކަތް ފާހަގަކުރުމެވެ.

އެމްޕީއެލްގެ 39 އަހަރުގެ ދިގު ތާރީހަށް ބަލާ އިރު، ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، ޒަމާނީ ބަނދަރުގެ ހިދުމަތްތައް ތައާރަފުކުރުމާއި، ކުންފުނީގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި، ވަޒީފާގެ ފުރުސަތުތައް ގިނަކުރުން ފަދަ ކަންކަން ފާހަގަކޮށްލެވެއެވެ. ކުރިއަށް އޮތް ތަނުގައިވެސް އެމްޕީއެލުން މަސައްކަތް ކުރަމުންދާނީ ރާއްޖޭގެ ބަނދަރުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރާއްޖޭގެ އިގުތިސާދު ކުރިއެރުވުމަށެވެ.