ވ. ކެޔޮދޫގައި އަލަށް އިމާރާތްކުރާ ކައުންސިލުގެ އިމާރާތުގެ ބިންގާ އަޅައިފިއެވެ.

އެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިހާރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ޒިޔާތަރުގެ ތެރެއިން މިއަދު ކެޔޮދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މިނިސްޓަރުގެ އަރިހުގައި ކެޔޮދޫ ކައުންސިލުގެ ރައީސް އަހުމަދު ފިރާޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ސަރުކާރުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތް ހެދުމުގެ މަޝްރޫއުގެ ދަށުން ކެޔޮދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތަރައްގީގެ މަޝްރޫއެކެވެ.

20 ސެޕްޓެމަބަރު 2025: ވ. ކެޔޮދޫގައި އަލަށް އިމާރާތްކުރާ ކައުންސިލުގެ އިމާތާރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާުތު --- ފޮޓޯ/ ލޯކަލް ގަވާމަންޓް މިނިސްޓްރީ

އެ މަޝްރޫއަކީ 11 މަސްދުވަހުގެތެރޭގައި ނިންމާގޮތަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

އަށް ދުވަހަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުތަކުގައި ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ 31 ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

އެއީ ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ތ. އަތޮޅެވެ. ރައީސް އޮފީހުން ބުނީ މި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ރައީސް ބައްލަވާލައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްރަށާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން، އެމަނިކުފާނު ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.