ވ. ކެޔޮދޫގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ހަތަރު އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވ. ކެޔޮދުއަށް ވަޑައިގެން، މިއަދު ހެނދުނު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ކެޔޮދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދުފުޅުގެ މަތިން ހަނދާންނުނެތޭ ކަމަށާއި ރަށުގެ ބިން ހިއްކަން ޖެހޭ ކަމަށެވެ.

ކެޔޮދޫގެ ކުރިއެރުމަށް ދެން ބޭނުންވަނީ ރަށުގެ ޖާގަ އިތުރުވާން ކަމަށާއި ފުރަތަމަ އިސްކަންދެނީ މިއަދު ފެށިގެންދިޔަ ކެޔޮދޫ ސްކޫލުގެ އާ އިމާރާތުގެ މަޝްރޫއާއި ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަޝްރޫއު ފެށުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ ދެން އަންނަ އަހަރަށް މި ބަޖެޓު ކަނޑައެޅިގެންދާ އިރު، މިހާރު ބަޖެޓު ހުށަހެޅުމުގެ މަރުހަލާގައި މިދަނީ. މި އަންނަ މަހު ބަޖެޓު ހުށަހެޅިގެންދާނެ. އަދި ނޮވެމްބަރު، ޑިސެމްބަރު ތެރޭގައި ފާސްކުރެވިގެންދާނެ. 2026 ވަނަ އަހަރުގެ ކުރީކޮޅުގެ ތެރޭގައި، އެންމެ ކުރީކޮޅު އިރާދަކުރެއްވިއްޔާ އެ ވައުދު ފުއްދުމަށްޓަކައި މި ރަށުގައި 12 ހެކްޓަރުގެ ބިން އިތުރުކުރުމުގެ މަސައްކަތް އަމަލީގޮތުން ކުރިއަށްގެންގޮސްދޭނެކަމުގެ ޔަގީންކަން އަރުވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކެޔޮދޫއަކީ ލޯކަލް ޓޫރިޒަމް ވެސް ފުޅާ ރަށަކަށްވާތީ، އެ ރަށުގައި އަންނަ އަހަރުގެ މާޗް މަހުގެ ކުރިން ޑޮލަރު އޭޓީއެމްއެއް ބަހައްޓަވައިދެއްވާނެ ކަމަށެވެ.