މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން ސޯޝަލް މީޑިއާ ރެގިއުލޭޓް ކުރުމުގެ މަސައްކަތް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނުން ކުރާނެކަމަށް ބުނެ އެކިއެކި ފަރާތްތަކުން ފިތުނަ އުފައްދަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ވ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ފެލިދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ސިޔާސީ މީހަކުވެސް އަދި ނޫސްވެރިއަކުވެސް އެއްވެސް ވަރަކަށް ތެދު މައުލޫމާތު ހޯދުމެއް ނެތި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކާނަަމަ ހަމަނުޖެހުމެއްގެ ތެރެއަށް ގައުމު ދިޔުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހަގީގަތް ބެލުމެއްނެތި ވާހަކަ ފެތުރުމަކީ އިސްލާމު ދީނުގައި މަނާކޮށްފައިވާ ކަމެއް ކަމަށެވެ. ތެދު ބަހުން ވާހަކަދެއްކުމަށާއި ކަންކަމުގެ ހަގީގަތް ރައްޔިތުންނަށް ގެނެސްދިނުމުގައި ފުރިހަމަ މިނިވަންކަން ނޫސްވެރިންނަށް އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ އެއާ ހިލާފަށް ފިތުނަ ފަސާދަ އުފެދޭ ގޮތަށް ދޮގު ފެތުރުމަށް އެއްވެސް ވަރަކަށް އެ މަނިކުފާނު ޖާގަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.
"ހަގީގަތް ނުބަލައި ސޯޝަލް މީޑިއާ ބޭންކުރަނީއޭ ކިޔައިގެން ފިތުނަ ފަސާދަ މި އުފައްދަނީ. ފިތުނަ ފަސާދަ އުފެއްދުން އެއީ ނުބައިކަން ބޮޑުވެގެންވާ ކަމެއް. ފިތުނަ ފަސާދަ މި ގައުމުގައި ފަތުރާކަށް ފުރުސަތެއް ނުދޭނަން. މިހުރީ މާތް ﷲ ގަންދީ ހުވައެއްކޮށްގެން. އިސްލާމްދީނާ އެއްގޮތަށް މި ގައުމުގައި ކަންކަންކުރުމަށް. ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތް ހިންގަން އަޅުގަނޑާ ހަވާލުކޮށްފައި މިއޮތީ. އެކަމުގައި އަޅުގަނޑު އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނާޅަން." ރައީސް ވިދާޅުވިއެެވެ.
ރައީސް އެގޮތަށް ވިދާޅުވީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ ގުޅިގެން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް، އެ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިގެންދާނެކަމަށް ނޫސްވެރިން ފާހަގަކުރަމުންދާތީއެވެ. އެ ބިލު މަޖިލީހަށް ހުށަހެޅި ފަހުން ބައެއް އިސްލާހުތައް ގެނައި ނަމަވެސް އެ އިސްލާހުތަކުންވެސް ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައިގަނެވޭނެ ކަމަށް ގިނަ ނޫސްވެރިން ވަނީ ބުނެފައެވެ.
"އެއްވެސް ހިފެހެއްޓުމެއް ނެތް، ހުރިހާ ކަންމެއް ވެސް ލިޔަންވީ. ދޮގު ވާހަކައެއް ނުލިޔެވޭނެ. ހަގީގަތް ބެލުމެއްނެތި ނުލިޔެވޭނެ. އެއީ ރައްޔިތުން ގަބޫލުކުރާކަމެއް ނޫން. ހަމަނުޖެހުން އިއާދަވެގެންދާކަށް ބޭނުމެއް ނޫން. ބޭނުންވަނީ އެއްބައިވަންތަ އިހުތިރާމްކުރާ ގައުމަކަށްވާން. އެކަން ނަގާލުމުގެ ހައްގެއް އެއްވެސް މީހަކަށް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
"މީޑިއާގައި މަސައްކަތްކުރާ މީހުންވެސް ޒިންމާދާރުކަމާއެކީ މަސައްކަތް ކުރުމަށް ގާނޫނު ބާރުއަޅަނީ. ގާނޫނުގައި އޮތީ އެ ވާހަކަ އެކަނި. ތެދު ބަހުން ބޭނުން އެއްޗެއް ލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަތަކެއް ނުލިޔެވޭނެއޭ. ސާބިތު ނުހިފޭ ވާހަކަ ލިޔަން ބޭނުންނަމަ، އެއީ އަދި ކަށަވަރުކުރެވެން ނެތް ވާހަކައެއްކަން ލިޔުމުގައި ބަޔާންކުރަންޖެހޭނެ. އެހެން އެ ގާނޫނުގައި އޮތީ. ގާނޫނަކީ އެއްވެސް ނޫސްވެރިއަކާ ދިމައެއްނުވޭ. އެއްވެސް ތާކުން މިނިވަންކަން އަތުލައިގަންނަ ތަނެއް ނުފެންނާނެ."
އެ ބިލާ ގުޅިގެން ނޫސްވެރިންގެ ކަންބޮޑުވުން ހުރިނަމަވެސް ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާއެއްގައި ވަނީ އެ ބިލު ފާސްކޮށްފައެވެ. އޭރު ނޫސްވެރިން ދިޔައީ މަޖިލިސް ދޮށުގައި ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ބިލު ފާސްކުރަން ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު ހިމެނިވަޑައިގަންނަވާހެން 60 މެންބަރަކު ވޯޓު ދެއްވިއެވެ. ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް އެކަންޏެވެ.
އަދި އިއްޔެގެ ވަގުތެއްގައި ރައީސް ވަނީ އެ ބިލު ތަސްދީގުކުރައްވައި ގެޒެޓުކޮށްފައެވެ. އެއާއެކު އެ ބިލު ވަނީ ގާނޫނަކަށް ބަދަލުވެފައެވެ. އަދި އެ ގާނޫނު ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.
ރައީސް އެ ބިލު ތަސްދީގުކުރެއްވުމާއެކު، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ވަނީ އުވިފައެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގައިވާ ގޮތުން އެމްއެމްސީ އަދި ބްރޯޑްކޮމްގެ ބަދަލުގައި އެ ގާނޫނުގެ ދަށުން އުފައްދަން ޖެހޭނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އެވެ.
ރައީސް އިއްޔެ ވަނީ ދައުލަތުގެ އޮފީހެއްގެ ގޮތުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" އުފައްދަވައިފައެވެ.
މީޑިއާ ކޮމިޝަން އެކުލަވާލައި މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަންގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އެކުލަވާލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އެ ފަސް މެންބަރުންނަކީ ސިވިލް ސާވިސްގެ ދާއިރާގައި ހިމެނޭ އޮފީސްތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ޑިރެކްޓާ ޖެނެރަލަށްވުރެ މަތީގެ މަގާމުތަކުގައި ތިބި ފަރާތްތަކަށް ވާންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ވަގުންނައް ކިޔާނެ އާނަމެއް އުދައްދަން ބިލެއްހުށައަޅަންއަޅުގަނޑަށްފެނޭ! ފޭރޭ /ލޫޓްވާ މީހުނާާ މީބަރާބަރު ބިލަކަށް ވާނެ! އަދިދޮގާ މަކަރުހަދާމީހުނަށް ވެސް ރީތިނަމެއް ކިޔަން އެބަޖެހޭ!
ބޭބެ - 9 މަސް ކުރިން