ބޮމުގެ އިންޒާރަކާއެކު އިންޑިގޯ ފްލައިޓެއް ޑައިވާޓްކޮށްފިއެވެ.

އިންޑިއާގެ ބަޖެޓް އެއާލައިން އިންޑިގޯ ފްލައިޓު އިއްޔެ މުމްބާއީއިން ޕުކެޓަށް ދަތުރު ފެށެމާއެކު އެ ފްލައިޓުގައި ބޮމެއް އޮތް ކަމަށްބުނެ އިންޒާރު ލިބުމާއެކު ފްލައިޓު ވަނީ ޗެންނާއީއަށް ޑައިވާޓްކޮށްފައެވެ.

އޮފިޝަލުން ވަނީ އިންޑިގޯ ފްލައިޓު 6އީ 1089 އަށް ލިބުނު އިންޒާރާއެކު އެ ފްލައިޓު ޗެންނާއީއަށް އިމަޖެންސީކޮށް ޖެއްސުމަށްފަހު މީހުން ހުސްކޮށް ސަލާމަތީ ބާރުތަކުން ފްލައިޓު ޗެކުކޮށްފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެ ބާވަތުގެ އެއްވެސް ނުރައްކަލެއް ފްލައިޓުގައި ފާހަގަވެފައިނުވާކަމަށް އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ވަނީ ފަސިންޖަރުން ޗެންނާއީގައި ވަގުތީގޮތުން ތިބޭނެ ކަމަށާއި އެމީހުން ޕުކެޓަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ބުނެފައެވެ.

ޕުކެޓް އެއާޕޯޓުގައި ރޭގަނޑުގަޑީގައި ކާފިއު އިއުލާންކޮށްފައިވާތީ ފަސިންޖަރުންނަށް ރޭގަނޑު އެ އެއާޕޯޓަށް ދަތުރުކުރުމުގައި ދަތިތަކެއް ހުންނާނެ ކަމަށާއި އިންޑިގޯ ފްލައިޓު ޝެޑިއުލަށް ބަދަލު ގެނެސް ވީ އެންމެ އަވަހަށް ފުރުވާލާނެ ކަމަށް އޮފިޝަލުން ބުނެއެވެ.