"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" (މީޑިއާ ބިލް) ގައިވާ ކަންބޮޑުވުންތައް ފާހަަގަގޮށް ނޫސްވެރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕެޓިޝަންގައިވާ ކަންބޮޑުންތަކަށް، އެ ބިލު ދިރާސާކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު އެ ބިލު ފާސްކުރި އިރު، ފަރުވާ ލިބިފައިވާ ކަަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ޕެޓިޝަން ހުށަހެޅިތާ ދެ ހަފުތާފަހުން އެ ޕެޓިޝަނާ މެދު ގޮތެއް ނިންމަން މަޖިލީހުގެ ޕެޓިޝަން ކޮމިޓިގެ ބައްދަލުވުމެއް މިއަދު ބޭއްވިއެވެ.

ބިލު ދިރާސާކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ކުރިއަށްގެންދަނިކޮށް ބޭއްްވި، ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުން ނިންމީ، އެ ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިއާޔަތްކޮށްފައިތޯ ބެލުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ޕެޓިޝަން ފޮނުވުމަށެވެ.

އެގޮތަށް ހުށަހެޅީ ޕެޓިޝަން ކޮމިޓީގެ ނާއިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އޭނާގެ ހުށަހެޅުއްވުމުގައި، ޕެޓިޝަންގައިވާ ކަންބޮޑުންތަކާ ބެހޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާގޮތަށް ޕެޓިޝަން ކޮމިޓީއަށް އަންގައިދުމަށްވެސް ހުށަހެޅިއެވެ.

ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާންގެ ތާއީދާއެކު އެ ހުށަހެޅުން ޕެޓިޝަން ކޮމިޓީން ފާސްކޮށް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުވިއެވެ.

މިއަދު ހަވީރު 5:00 ގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި، ޕެޓިޝަން ކޮމިޓީން ފޮނުވި މައްސަލައާ ބެހޭގޮތުން ޝުޖާ ވިދާޅުވީ، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަށް އިސްލާހު ހުށަހަޅައި ބިލު ފާސްކުރަން އެ ކޮމިޓީގައި ވޯޓަށް އަހާފައިވާ ކަަމަށެވެ. އަދި ބިލު ފާސްވެގެންދިޔަ އިރު، ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވާ ފަސް މާއްދާއަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން ބިލަށް ހުށަހެޅި އިސްލާހުތަކާއެކު، ޕެޓިޝަން ކޮމިޓީން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ފަރުވާ، ލިބިގެން ގޮސްފައިވާ ކަމަށް ކޮމިޓީއަށް އަންގަން ޝުޖާ ހުށަހެޅުއްވިއެވެ.

ޝުޖާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ.

ކޮމިޓީން އެ ހުށަހެޅުން ފާސްކުރިއެވެ.

ނަމަވެސް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ފާސްކުރަން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުން އަޑުއަހަންވަދެ ތިބި ނޫސްވެރިން ވަނީ ޕެޓިޝަނުގައި ނޫސްވެރިން ފާހަަގކޮށްފައިވާ ކަންބޮޑުވުންތައް ހައްލު ނުކުރާކަަމަށް ގޮވައި، އަޑުގަދަކޮށް އިހުތިޖާޖު ކޮށްފައެވެ.

ކޮމިޓީން ބިލު ފާސްކުރީ ނޫސްވެރިން އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.