ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސްކަމުގެ މަގާމަށް މއ. ސިގްމާ/ މުހައްމަދު މުޖުތާޒް، ނައިބު ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެންބަރު މުހައްމަދު ނާސިހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މެންބަރު ފުވައްމުލަކު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވީ، އެ ދެބޭފުޅުންނަކީ ސީއެސްސީގެ މެންބަރުކަމަށް އައްޔަން ކުރެއްވި އިރު، އެ ބޭފުޅުންގެ މައްސަލަތައް ބަލައި ކޮމިޓީން މީގެކުރިން ރުހުން ދީފައިވާ ބޭފުޅުން ކަަމަށެވެ.

އެހެންކަމުން އިތުރު އިންޓަވިއުއެއް އެ ބޭފުޅުންނާ ކުރުމަކާ ނުލައި، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވިގޮތަށް އެ ދެބޭފުޅުންނަށް ރުހުންދޭން ކޮމިޓީން ފާސްކުރަން ހުށަހަޅުއްވިއެވެ.

މި ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމެވެ.

ކޮމޮޓީން އެގޮތަށް ފާސްކޮށް އެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށް ކޮމިޓީން މަޖިލިސް ތަޅުމަށް އެ މައްސަލަ ފޮނުވިއެވެ.

މިއަދު މެންދުރުފަހު 1:30 ބޭއްވި މަޖިލިސް ޖަލްސާގައި، ކޮމިޓީން ނިންމި ގޮތަށް އެ ދެބޭފުޅުން އެ މަގާމުތަކަށް އައްޔަންކުރަން މަޖިލީހުން ފާސްކުރިއެވެ.