ނޫސްވެރިންގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރަމުންދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް، ނޫސްވެރިން ފޮނުވާފައިވާ ޕެޓިޝަންގައި ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުންތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިއާޔަތްކޮށްފައިތޯ ބެލުމަށް، މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ޕެޓިޝަނާ ބެހޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ ނާއިބު މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ ނޫސްވެރިން ފޮނުވާފައިވާ ޕެޓިޝަންގައި، ފާހަގަކޮށްފައިވާ "މީޑިއާ ބިލް" ދިރާސާކުރުމުގެ މަސައްކަތް މިހާރުވެސް ކޮމިޓީގައި ކުރިއަށްދާ ކަމަށެވެ.
އެހެންކަމުން އެ ޕެޓިޝަންގައިވާ، ނޫސްވެރިން ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދިނުމަށް އެދި އެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައި، އެކަމާ ބެހޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާގޮތަށް ޕެޓިޝަން ކޮމިޓީއަށް އަންގައިދުމަށް ކޮމިޓީން ފާސްކުރަން ހުށަހަޅާކަމަށް ވިދާޅުވިއެވެ.
އަބްދުއްލަތީފްގެ ހުށަހެޅުމަށް ތާއީދުކުރެއްވީ، ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނެވެ.
އެގޮތުން ނޫސްވެރިންގެ ޕެޓިޝަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވަން ޕާސްކުރިއެވެ.
އެއަށްފަހު ޕެޓިޝަން ކޮމިޓީގެ މުގައްރިރު ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ ވިދާޅުވީ، މީޑިއާ ބިލް ބޭރުކޮށްލުމަށް އެ ޕެޓިޝަންގައި ނޫސްވެރިން އެދިފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮމިޓީއަށް ލިބިގެންވާ ބާރެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ބިލް ދިރާސާކުރުމުގައި އެ ޕެޓިޝަންގައި ހިމެނޭ ކަންބޮޑުވުންތަކަށް ކިހާވަރަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރިއާޔަތް ކޮށްފައިވޭތޯ ބަލައި، ރެކޮމެންޑޭޝަންތަކެއް އެ ކޮމިޓީން މަޖިލީހަށް ހުށަހެޅިދާނެކަަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުން ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ގައިވާ ކަންބޮޑުވުންތައް ފާޅުކޮށް ނޫސްވެރިން ހުށަހަޅާފައިވާ ޕެޓިޝަންގައި އެ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިއަކު ވަނީ ސޮއިކޮށްފައެވެ.
އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާއަށްވެސް ވަނީ ފޮނުވައިފައެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު