ފ. ނިލަންދޫން ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ނިލަންދޫގައި 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާ މައްސަލައެއް މިރޭ 10:15 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ކުއްޖާ ގެއްލިގެން އާއިލާއިން ރިޕޯޓުކުރީ، މިއަދު ހަވީރު ގެއިން ނުކުތް ގޮތަށް އެ ކުއްޖާގެ ހަބަރެއް ވެފައިނުވާތީއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި، ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުއްޖާ ހޯދުމަށް މަސައްކަތްކުރަމުންދަނިކޮށް، ދަންވަރުގެ ވަގުތެއްގައި އެ ކުއްޖާ ފެނިފައިވަނީ ނިލަންދޫ ގޮނޑުދޮށުގައި އުޅެނިކޮށެވެ.

އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.