ޖަޕާނުގެ އާބާދީގެ 29.4 ޕަސެންޓަކީ އުމުރުން ދުވަސްވީ މީހުން ކަމަށް އެގައުމުން އާންމު ކުރި ރިޕޯޓަކުން ދައްކައިފިއެވެ.

ޖަޕާނުގެ މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް އިން އާންމު ކުރި އެރިޕޯޓުގައި ވާގޮތުން އެގައުމުގެ އުމުރުން 65 އަހަރުން މަތީ މީހުންގެ އާބާދީ 29.4 އަށް ވަނީ އަރައިފައެވެ. އެއީ މިހާތަނަށް އެގައުމުގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ މިހާބޮޑަށް މަތިވި ކަމަށް ފާހަގަކުރެވުނު ފުރަތަމަ ފަހަރު ކަމަށް ވެސް ރިޕޯޓްގައިވެއެވެ.

ޖަޕާނުގެ އުމުރުން 65 އަހަރުން މަތީ މީހުންގެ އާބާދީ އަކީ 36 މިލިއަން ކަމަށް މިނިސްޓްރީ އިން އާންމުކޮށްފައިވާ މައުލޫމާތުގައިވެއެވެ. 65 އަހަރުން މަތީ އާބާދީގެ 15 މިލިއަން މީހުންނަކީ ފިރިހެނުންނެވެ. އަދި 20 މިލިއަން މީހުންނަކީ އަންހެނުންނެވެ.

ޖަޕާނުގެ އިންޓީރިއާ މިނިސްޓްރީން ބުނީ އުމުރުން 65 އަހަރުގެ އާބާދީގެ ތެރެއިން 25.7 އިންސައްތަ މީހުންނަކީ ވަޒީފާ އަދާ ކުރާ މީހުން ކަމަށް ފާހަގަވެފައިވާ ކަމަށެވެ.