ގައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހައުސިން މިނިސްޓްރީން ފާހަގަކުރާ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ބާއްވާ ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ބައިވެރިވެ އެ ހަރަކާތް ކުރިޔަށްގެންދިޔައީ އިއްޔެ ހަވީރު 4:00 ގައި މާލޭ އުސްފަސްގަނޑު ސަރަހައްދުގައެވެ.
އެ އިވެންޓުގެ ތެރެއިން، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންއާ ގުޅޭ ގިނަ ހަރަކާތްތައް ހިމެނޭ ހާއްސަ ސްޓޯލެއް އެޗްޑީސީން ބެހެއްޓިއެވެ. އެޗްޑީސީގެ އެ ސްޓޯލުން ބްރިޖް އަދި ސާވޭ އާލާތްތައް ދައްކާލިއެވެ.
ސްމާޓްކޮމް ޓަވަރުގެ މައުލޫމާތު ކުޑަކުދިންނަށް ފޯރުކޮށްދިނެވެ. ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންނާ ގުޅޭ މައުލޫމާތު ހިއްސާކުރިއެވެ. އޭގެ ތެރޭގައި ކޮމްޕިއުޓަރެއް އެސެންބަލް ކުރުމާއި ހައިޑްރޯލިކް ވޯޓާޕަވާ ޖޭސީބީއާ ގުޅޭ ހަރަކާތްތައް ހިމެނެއެެވެ.
އެ ހަވީރުގެ އިތުރުން، ހުޅުމާލޭގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން، އެޗްޑީސީގެ ފަރާތުން ނިމިިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ޓުއާއެއް ކުރިއަށްގެންދިޔައެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގައި މަތީ ސާނަވީއަށް ކިޔަވައިދޭ ފަސް ސުކޫލެއްގެ 32 ދަރިވަރުން ހިމަނައިގެން ބޭއްވި އެ ޓުއާގައި އެޗްޑީސީން ކުރަމުން އަންނަ އެކިއެކި މަސައްކަތްތައް ދަރިވަރުންނަށް ދައްކާލައި، އެ މަސައްކަތްތަކުގެ މައުލޫމާތުދީފައިވާ ކަމަށެވެ.
އެ ޓުއާގެ މައިގަނޑު މަގުސަދަކީ އެޗްޑީސީން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫއުތަކާއި އިންޖިނިއަރިން ދާއިރާގެ މަސައްކަތްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމާއި ސްކޫލުތަކުގެ ދަރިވަރުން އެ ދާއިރާއަށް އަހުލުވެރިކުރުމެވެ.
ރާއްޖޭގެ ތަރައްގީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކުރުމަށް ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ އެފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ފާތިމަތު ލިއުޝާ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ