މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ "ހުނަވަރު" ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްއޭސީއެލްގެ "ހުނަވަރު" ޕްރޮގްރާމުގެ މަގުސަދަކީ އެ ކުންފުންޏަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ, އަހުލުވެރި ދިވެހި ޒުވާނުން ބިނާކުރުމެވެ.

އެމްއޭސީއެލުން ބުނީ އެ ޕްރޮގްރާމުގެ ދެވަނަ ބެޗުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 50 ފަރާތަކަށް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި ޕަސެންޖާ ސާވިސަސް, ކާގޯ ސާވިސަސް, ރޭމްޕް ސާވިސަސް, މެކޭނިކަލް ސާވިސަސް, ފިއުލް ސާވިސަސް, އެރޯޑްރޯމް ގްރައުންޑް އެއިޑްސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނޭ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ހާއްސަ އެލަވަންސެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ޕްރޮގްރާމުން ހޮވާލެވޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.

ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 15 ގެ ނިޔަލަށެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމް