ނޭޕާލުގައި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިސްތިއުފާދެއްވި އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ގެކޮޅުގައި ރޯކޮށްލައި، އަނބިކަނބަލުން ޖަހްލާ ނަތް ކަނާލް އަވަހާރަކޮށްލައިފިއެވެ.

ނޭޕާލްގެ ސަރުކާރާ ދެކޮޅަށް އެގައުމުގެ ޒުވާނުން ފެށި މުޒާހަރާ ހޫނުވެ، އެ ގައުމުގެ ސިޔާސީ މަޝްހަރު ގޯސްވެފައިވާ އިރު، ބޮޑެތި ހަމަނުޖެހުންތަކެއް ދަނީ ހިނގަމުންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އެގައުމުގެ ސަލާމަތީ ބާރުތަކަށް ނުކުޅެދިފައިވާ އިރު، ސަރުކާރާއި ސަރުކާރާ ގުޅިފައިވާ އިސް ފަރާތަކަށް ހަމަލާދީ، އެމީހުން ދިރިއުޅޭ ގެތަކަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ހަމަލާދޭން ފަށައިފައެވެ.

ނޭޕާލްގައި އާންމުން ކުރަމުން އަންނަ މުޒާހަރާގައި މިއަދު ވަނީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލައިފައެވެ. ކުރީގެ ބޮޑުވަޒީރުގެ ގެކޮޅުގައި ރޯކޮށްލި ވަގުތު އެގޭގައި އަނބިކަނބަލުން ޖަހްލާ ނަތް ކަނާލް ހުންނެވި ކަމަށާއި އެ ހާދިސާގައި އަނބިކަނބަލުން ސަލާމަތް ވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާކުރާ ފަރާތްތަކުން ވަނީ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީސްވެސް އެއްކޮށް ރޯކޮށް އެތަން ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފައެވެ.

މުޒާހަރާތަކުގެ ސަބަބުން ސަރުކާރަށް ކާމިޔާބު ނުވާނެ ކަމަށް ޔަގީންވުމުން އެ ގައުމުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ނޭޕާލްގެ ޒުވާނުން އިސްވެ ފެށި މުޒާހަރާތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ފުރަތަމަ ނުކުމެފައިވަނީ އެ ގައުމުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތައް ބްލޮކް ކުރުމާ ގުޅިގެންނެވެ. ނަމަވެސް މުޒާހަރާތައް ހޫނުވުމާއެކު އެގައުމުގެ ސަރުކާރުން ވަނީ ބޭންކުރުން އުވާލައިފައެވެ.