ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް، އިޒްރޭލުން ގަތަރުގެ ދޯހާއަށް ހަމަލާދީފިއެވެ.

އިޒްރޭލުން މިއަދު ހަވީރު ދޯހާއަށް ހަމަލާދިނުމާއެކު، އެ ސިޓީން ވަނީ ބާރުގަދަ ގޮވުންތަކެއް ގޮވައިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި އިޒްރޭލުން ދޯހާއަށް ހަމަލާދީފައިވަނީ، އެ ގައުމުގައި ހަމާސްގެ ލީޑަރުންގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށެވެ. އެ ބައްދަލުވުމަކީ އެމެރިކާއިން ފަލަސްތީނުގެ ގާޒާއަށް ހަމަލާދޭން އުޅޭތީ، އެކަމާ ގުޅިގެން ބާއްވާ ބައްދަލުވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ދޯހާއަށް ހަމަލާދީފައިވާނެ ކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އެ ހަމަލާ އަމާޒުކޮށްފައިވަނީ ހަމާސްގެ ލީޑަރުންނަށް ކަމަށް އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ބުންޏެވެ.

އެ ހަމަލާއާ ގުޅިގެން ގަތަރުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް އަލް އަންސާރީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާދީފައިވަނީ ހަމާސްގެ ޕޮލިޓިކް ބިއުރޯގެ މެންބަރުތަކެއް ދިރިއުޅޭ އިމާރާތްތަކަކަށް ކަމަށެވެ. އަދި އެ ހަމަލާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެ ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ. އެ ހަމަލާގައި ހަމާސްގެ ލީޑަރަކު އަވަހާރަވި ކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.