ނޭޕާލްގެ ބޮޑުވަޒީރު ކޭ.ޕީ އޯލީ މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޯލީ، މަގާމުން އިސްތިއުފާ ދެއްވީ ނޭޕާލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި، އެންމެ މަރުގެ އަދަދު ގިނަ އެއް ހަމަލާގައި މަދުވެގެން 19 މީހުން މަރުވެ، އަދި އެކަމުގެ ސަބަބުން ގައުމީ ފެންވަރުގައި އިހުތިޖާޖުތައް އަލުން ފެށުމާއެކު، އިތުރުވަމުންދިޔަ ޕްރެޝަރާ ގުޅިގެންނެވެ.
އޯލީގެ އިސްތިއުފާއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމަށް ޕާޓީތަކުން ދަނީ މަސައްކަތްކުރަމުންނެވެ.
އޯލީގެ އިސްތިއުފާ އައިސްފައިވަނީ ގިނަ އަދަދެއްގެ ޒުވާނުން ނުކުމެ ކުރަމުންދިޔަ ނުތަނަވަސްކަމުގެ އިހުތިޖާޖުތަކުގެ ތެރެއިންނެވެ.
ނޭޕާލްގައި މިއަދު ކާފިއު އިއުލާނުކޮށްފައި އޮތް ނަމަވެސް، މުޒާހަރާކުރާ ފަރާތްތަކުން މަގުމައްޗަށް ނުކުމެ، ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތު ނެތުމާއި، އަދި ފޭސްބުކާއި، ޔޫޓިއުބާއި، އެކްސް މަނާކުރުމާ ދެކޮޅަށް އިހުތިޖާޖުކުރިއެވެ. މުޒާހަރާކުރަން ފެށުމުން އަލުން ސޯޝަލް މީޑިއާގެ އެ ވަސީލަތްތައް ބޭނުންކުރެވޭ ގޮތް ވަނީ ހަދައިފައެވެ.
މުޒާހަރާގެ ތެރެއިން ކަތަމަންޑޫގައި މިއަދު 17 މީހުން މަރުވެފައިވާ ކަމަށް ނޭޕާލް ފުލުހުން ބުންޏެވެ. އަދި ސުންސަރީ ސަރަހައްދުގައި އިތުރު ދެ މީހުން މަރުވެފައިވާ ކަމަށް ނޭޕާލް ފުލުހުން ބުންޏެވެ.
ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ އިރު، އޭގެ ތެރޭގައި 100 އަށްވުރެ ގިނަ ފުލުހުން ހިމެނެއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލުން ބުނެފައިވަނީ މުޒާހަރާކުރާ މީހުންނާ ދިމާއަށް ލައިވް ވަޒަން ބަޑި ޖަހާފައިވާ ކަމަށެވެ. އަދި އދ. އިން ވަނީ މި މައްސަލަ އަވަހަށް، ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް ގޮވާލައިފައެވެ.
ސަރުކާރުން އެއްބައިވަންތަކަން އާލާކުރުމަށް މަސައްކަތްކޮށް، ސޯޝަލް މީޑިއާއަށް ވަދެވޭގޮތް ހުޅުވާލައި، އަދި ހުރިހާ ޕާޓީތަކެއް ބައިވެރިވާ މަޝްވަރާތަކެއް ބޭއްވުމަށް އިއުލާނުކުރި ނަމަވެސް ޒުވާނުންގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާކަމަށް މީޑިއޯ ރިޕޯޓުތަކުގައިވެއެވެ.
މުޒާހަރާކުރާ ބައެއް ފަރާތްތަކުން ސަރުކާރުގެ އިމާރާތްތަކާއި ސިޔާސީ ފަރާތްތަކުގެ މުދަލަށް ގެއްލުންދީފައިވާ އިރު، އަނެއްބައި މީހުން ސެކިއުރިޓީ ބާރުތަކުން "އާންމު ރައްޔިތުން މަރާލަނީ" ކަމަށް ތުހުމަތުކޮށްފައިވެއެވެ.
ނޭޕާލުގެ އާބާދީގެ ގާތްގަނޑަކަށް 43 އިންސައްތައަކީ 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން ކަމަށްވާތީ، މި މުޒާހަރާތަކަކީ ކޮރަޕްޝަނާއި، ހަމަހަމަކަން ނެތުމާއި، ފުރުސަތުތައް މަދުވުމާ ދެކޮޅަށް ޖީލެއްގެ ފަރާތުން އުފުލާ އަޑެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
"މިއީ ހަމައެކަނި ސޯޝަލް މީޑިއާއާ ބެހޭ ކަމެއް ނޫނެވެ - މިއީ އިތުބާރާއި، ކޮރަޕްޝަނާއި، އަދި އަނގަ ބަންދުކޮށްގެން ތިބުމަށް އިންކާރުކުރާ ޖީލަކާ ބެހޭ ކަމެކެވެ،" ކަތްމަންޑޫ ޕޯސްޓުގެ އެޑިޓޯރިއަލްގައިވެއެވެ.
މުހައްމަދު އިޝާން
ނޭޕަލް
ނޭޕަލް
ނޭޕަލް
ނޭޕަލް