ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު"ގެ ކޮންމެ މާއްދާއަކަށް ދިހައެއް ނުވަތަ ބާރަ ކޮމެންޓް އާއްމުންގެ ފަރާތުން ފޮނުވާފައިވާ ކަމަށް އެ ބިލް ދިރާސާކުރާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބުނެފިއެވެ.
އެ ބިލް ދިރާސާކުރުމަށް މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، ތުލުސްދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ، ބިލްގެ ކޮންމެ މާއްދާއަކަށް ދިހަ، ބާރަ ކޮމެންޓް ފޮނުވާތީ ބިލް ދިރާސާކުރާ އިރު އެ ކޮމެންޑް ފޮނުވި ފަރާތާއި އެ ކޮމެންޓް ބަލައި ދިރާސާ ކުރަންޖެހޭ ކަމަށެވެ. އަދި އެކޮމެންޓްތަކަކީ އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ފޮނުވާފައި ހުރި ކޮމެންޓް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މިއަދުގެ ކޮމިޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ.
މި ބިލު މަޖިލީހަށް ބަލައިގަަތީ އޯގަސްޓް 27 ގައި ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓުންނެވެ. އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ 11 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވަނީ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވައިފައެވެ.
އެބިލް ދިރާސާކުރުމަށް ފޮނުވި އާއްމު ކޮމިޓީން، ބިލަށް އާއްމުންގެ ހިޔާލު ހުށަހަޅަން ހުޅުވައިލީ، އޯގަސްޓް 28 އިން ފެށިގެން ސެޕްޓެމްބަރުމަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.
މި ބިލްގައިހުރި ކަންބޮޑުވުންތައް ފާޅުކޮށް މީޑިޔާގައި މަސައްކަތްކުރާ ފަރާތްތަކާއި، މީޑިއާ ރެގިއުލޭޓްކުރާ ފަރާތްތަކާއި، މީޑިއާތަކާއި، ކަމާބެހޭ ގައިނަލް އަގްވާޖީ ޖަމްއިއްޔާ ޖަމާއަޔްތަކުން މަޖިލީހުން ބިލް ބޭރުކުރުމަށް ވަނީ ގޮވާލައިފައެެވެ.
މި ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
އިބްރާހިމް ޒަކީ
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް