ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް ބޭއްވި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ހަރަކާތް ކުރިއަށް ދިޔައީ އިއްޔެ ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ. މި ހަރަކާތުގައި 33 އިދާރާއަކުން ބައިވެރިވިއެވެ. މި ހަރަކާތުގެ ބައެއް ހާލަތްތައް މާލެ ސަރަހައްދުގެ ހުރިހާ ފަސް ހޮސްޕިޓަލެއްގައި ވެސް ކުރިއަށް ގެންދިޔައެވެ.

އެއީ ހުޅުމާލެ ހޮސްޕިޓަލް، ޓްރީޓޮޕް، އޭޑީކޭ، އައިޖީއެމްއެޗް އަދި ސެނެހިޔާއެވެ.

މި ހަރަކާތައް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ވަނީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި ހަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅު ކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކޮށްފައިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

9 ސެޕްޓެމްބަރު 2025: އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތް ދެނެގަތުމަށް ބޭއްވި ހަރަކާތް --- ފޮޓޯ/އެމްއޭސީއެލް

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ, އެމަޖެންސީ ހާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާ އާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތް ކުރުން ކަމަށެވެ. އެކަމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ރަނގަޅަށް މުވާސަލާތު ކުރުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ.

ޝަރީފު ވިދާޅުވީ, އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަން ރަނގަޅު ކުރުމަށް އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ހަރަކާތުގައި ބައިވެރިވެވި ހުރިހާ އިދާރާއަކުން ދެއްކި ޒިންމާދާރު ކަމަށް ޝަރީފު ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

އެފެކްސްގެ ބޭނުމަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.