އުރީދޫއިން ރާއްޖެއަށް ދެމުން އަންނަ އިންޓަނެޓް ހިދުމަތުގައި މައްސަލައެއް ނޫޅޭ ކަމަށް އެ ކުންފުނީގެ ސީއީއޯ ހުސައިން ނިޔާޒް ވިދާޅުވެއްޖެއެވެ.

ރަތް ކަނޑުގައި އަޅާފައިއޮތް އިންޓަނެޓް ސަބްމެރިން ކޭބަލެއް ބުރިވުމުގެ ސަބަބުން އޭޝިއާ ސަރަހައްދުގެ އިތުރުން މެދުއިރުމައްޗާއި ޔޫރަޕްގެ ބައެއް ހިސާބުތަކަށް އިންޓަނެޓް ލިބުމުގައި ދަތިތަކެއް އުޅޭކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓިކޮށްފައެވެ.

އެކަމާ ގުޅިގެން ނިޔާޒް ވިދާޅުވީ ސަބްމެރިން ކޭބަލެއް ބުރިވި ނަމަވެސް ރާއްޖޭގައި އިންޓަނެޓް ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ދިމާނުވާނެ ކަމަށާއި އުރީދޫއިން އަޅާފައިވާ ސަބްމެރިން ކޭބަލްތައް ހުންނާނީ ސިންގަޕޫރު ފަދަ އެހެން ސަރަހައްދުތަކާ ގުޅާލެވިފައި ކަމަށެވެ.

ނިޔާޒް ވިދާޅުވީ، އުރީދޫގެ ސަބްމެރިން ކޭބަލްތައް ހުންނާނީ، އެއް ސަރަހައްދުން މައްސަލައެއް ކުރިމަތިވި ނަމަވެސް އެހެން ސަރަހައްދުތަކުންވެސް އެ ސަރަހައްދަކަށް ހައްލު ހޯދޭ ގޮތަށް ކަމަށެވެ.

ރަތް ކަނޑުގައި އަޅާފައިވާ ފައިބާ ސަބްމެރިން ކޭބަލް ބުރިވުމުގެ ސަބަބުން ކުވައިތު, ޔޫއޭއީ ފަދަ ގައުމުތަކުގެ އިންޓަނެޓްގެ ހިދުމަތަށް ކޮންމެވެސް ވަރެއްގެ ބުރުލެއް އަރާފައިވެއެެވެ.