އެލައިޑް އިންޝުއަރެންސްއިން ޓްރެވެލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) 2025 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ޓޫރިޒަމް ދާއިރާއާ އޮތް ގުޅުން އިތުރަށް ވަރުގަދަކޮށްފިއެވެ.

އެލައިޑުން ބުނިގޮތުގައި އެ ކުންފުނިން ވަނީ ރާއްޖޭގެ އެންމެ ބޮޑު ޓްރެވަލް ޓްރޭޑް ޝޯގެ މުހިންމު ދެ ހަރަކާތް ކަމުގައިވާ ޓީޓީއެމް އެވޯޑްސް އެންޑް ގާލާ 2025 އަދި ޓީޓީއެމް ކަނެކްޓް މީޓިންގްސް 2025 އަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު އަދަރާން ސިލެކްޓް ހުދުރަންފުށީގައި ބޭއްވި ޓީޓީއެމް އެވޯޑްސް އެންޑް ގާލާގައި ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާގެ 28 ކެޓަގަރީއަކުން އެވޯޑުތައް ވަނީ ދީފައެވެ.

މީގެއިތުރުން، މިދިޔަ މަހުގެ 27 އިން 28 އަށް ބާސެލޯ ނަސަންދުރާ މާލޭގައި ބޭއްވި ޓީޓީއެމް ކަނެކްޓް މީޓިންގްސް 2025 ގައި 500 އަށްވުރެ ގިނަ ޓްރެވަލް ޓްރޭޑް ޕްރޮފެޝަނަލުންނާއި 100 އަށްވުރެ ގިނަ ހޮޓެލިއަރުން ބައިވެރިވެފައިވެއެވެ. އަދި އެ ބައްދަލުވުންތަކުގައި ޓީޓީއެމް ކަނެކްޓް ޕޯޓަލް މެދުވެރިކޮށް 3,000 އަށްވުރެ ގިނަ ބައްދަލުވުންތައްވެސް ވަނީ ބާއްވައިފައެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ ސޭލްސް ޓީމުތަކުން އެ އިވެންޓުގައި ހަރަކާތްތެރިވެ، ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މުހިންމު މަޝްވަރާތައް ކުރުމާއި ގުޅުންތައް ބަދަހިކުރުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެއީ ފަތުރުވެރިކަމުގެ ދާއިރާގެ އިތުބާރު ހުރި ޕާޓްނަރެއްގެ ގޮތުގައި އެ ކުންފުނީގެ ދައުރު އިތުރަށް ހަރުދަނާކުރުމަށް ލިބުނު ފުރުސަތެއް ކަމުގައި އެލައިޑުން ފާހަގަކުރެއެވެ.

ރާއްޖޭގެ އެންމެ މުހިންމު ދާއިރާ ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ދާއިރާގެ އިސްވެރިންނާއެކު މަސައްކަތްކުރުމުގައި އެލައިޑުން ދެމިތިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ ދީފައެވެ.