ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކުރާ، އާލިޔާ ބަޓް، ރަންބީރު ކަޕޫރު އަދި ވިކީ ކޯޝަލް ފެނިގެންދާ 'ލަވް އެންޑް ވާރ' ފިލްމަކީ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.
މި ފިލްމުގެ މަސައްކަތް ކުރިއަށްދާއިރު، މި ފިލްމުގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާއި އޭނާގެ ޓީމުގެ ދެ މެންބަރެއް ކަމަށްވާ އަރްވިންދު ގިލް އަދި އުތްކަރްޝް ބާލީއާ ދެކޮޅަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕްރަތީކް ތާޖް މާތޫރު ކިޔާ މީހަކު ހުށަހެޅި މި މައްސަލައިގައި، ފިލްމުގެ ޓީމުން އޭނާއަށް މަކަރު ހަދާފައިވާކަމަށް ބުނެ، އެއްބަސްވުންތައް ފުނޑާލާފައިވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.
މާތޫރު ބުނީ އޭނާ ނަގާފައިވަނީ ލައިން ޕްރޮޑިއުސަރެއްގެ ގޮތުގައި ކަމަށާއި، ފިލްމުގެ ޝޫޓިންގަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ސަރުކާރުގެ އެކި ދާއިރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ފަހު، އޭނާއަށް އެއްވެސް ފައިސާއެއް ނުދީ ކޮންޓްރެކްޓް ބާތިލުކޮށް، މަސައްކަތުން ވަކިކޮށްފައިވާ ކަމަށެވެ. އަދި ބަންސާލީގެ ޓީމުގެ ބައެއް މީހުން އޭނާއަށް ގޯސްކޮށް ކަންތައްކޮށްފައިވާ ކަމަށްވެސް މާތޫރު ތުހުމަތުކުރެއެވެ.
މި މައްސަލަ ރަޖިސްޓަރީކޮށްފައިވަނީ މަކަރާއި ހީލަތްތެރިކަމުގެ އިތުރުން ކުށްވެރި ކުރުމަށްޓަކައި ރޭވުންތައް ރޭވުމާއި، ބިރުދެއްކުމުގެ މައްސަލައެއްގެ ދަށުންނެވެ. މި މައްސަލައާ ގުޅިގެން ސަންޖޭ ލީލާ ބަންސާލީގެ ޓީމުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
'ލަވް އެންޑް ވާރ' އަކީ އެއާ ފޯސްގެ ދެ ޕައިލެޓުންގެ ވާހަކައެއް ކިޔައިދޭ ފިލްމެއް ކަމަށްވާއިރު، ރަންބީރާއި ވިކީ ފެނިގެންދާނީ ޕައިލެޓުންގެ ރޯލުންނެވެ. ފިލްމުގެ ބައެއް ބައިތައް ވަނީ ރާޖަސްތާނުގައި ޝޫޓްކޮށްފައެވެ. ރަންބީރު ކަޕޫރުގެ އުފަންދުވަސް، ސެޕްޓެމްބަރު 28 ގައި ފިލްމުގެ ފުރަތަމަ ޕޯސްޓަރެއް ނުވަތަ ޓީޒާއެއް ނެރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފިލްމު 2026 ވަނަ އަހަރުގެ މާޗް މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް