އިންޑިއާގެ ޓެމިލް ނާޑޫގެ ތޫތުކުޑީގައި ކުރިއަށް ދިޔަ ޓަމިލް ނާޑޫ ކައިޓް ބޯޑިން އެންޑް ފޯމިއުލާ ކައިޓް ޗެމްޕިއަންޝިޕް 2025 ގެ ބިގް އެއާ ޑިވިޝަނުގެ ބައިން ރާއްޖޭގެ ރާއިފް ޝަނީޒް (ރާއިއްޕެ) ދެވަނަ ހޯދައިފިއެވެ.
މިމަހުގެ 28 އިން އިއްޔެއާ ހަމައަށް ކުރިއަށްދިޔަ ޓަމިލް ނާޑޫގެ ކައިޓް ބޯޑިން މުބާރާތަކީ އައިގިސް އޮފް އަކުއާ އައުޓްބެކާއި ޓަމިލް ނާޑޫ ޓޫރިޒަމްއިން އިސްނަގައިގެން އިންތިޒާމުކުރި މުބާރާތެކެވެ. އެ މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ރޭސިން ރޫލްސް އޮފް ސެއިލުން (އާރްއާރްއެސް) ގެ ގަވާއިދުތަކަށެވެ.
ރާއިއްޕެ ބިގް އެއާ ޑިވިޝަނުން ދެވަނަ ހޯދި އިރު، މުބާރާތުގައި ހަތަރު ގައުމެއްގެ އަށް ރައިޑަރަކު ބައިވެރިވިއެވެ.
އޭގެ ތެރޭގައި ސްރީ ލަންކާއާއި އިންޑިއާގެ ބައިވެރިންވެސް ހިމެނޭ އިރު، ރާއިއްޕެއަކީ މުބާރާތުގައި ބައިވެރިވި ހަމައެކަނި ދިވެހި އެތުލީޓެވެ.
ރާއިއްޕެއަކީ މިދިޔަ ޖުލައި މަހު ކ. ދިއްފުށީގައި ބޭއްވި، ރާއްޖޭގެ އެންމެ ބޮޑު ކައިޓް ސާފިން އިވެންޓްގެވެސް ދެވަނައެވެ. އެ މުބާރާތުގެ އެއްވަނަ ހޯދީ ރާއިއްޕެއާ އެއް ރަށެއް ކަމަށްވާ، ބ. ގޮއިދޫގެ ހަސަން މާހިރު (ހަންޓޭ) އެވެ.
ހަންޓޭ ވަނީ މީގެ ކުރިން ސްރީ ލަންކާގައި ބޭއްވި ބައިނަލްއަގުވާމީ މުބާރާތަކުން ވަނަ ހޯދައިފައެވެ.
ކައިޓް ސާފިން
ކައިޓް ސާފިން