ޑްރާފްޓިން ޕްރޮސެސްގައި ކަމާބެހޭ ފަރާތްތަކު ހިޔާލު ހޯދުމެއްނެތި އަދި ދިރާސާއެއް ނުކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު މަޖިލީހަށް ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބުނެފިއެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް މި ބިލާ ބެހޭގޮތުން މަޝްވަރާކޮށް، ބްރޯޑްކޮމްގެ ހިޔާލު ހޯދުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ބްރޯޑްކޮމްގެ މެންބަރުންނާ އެކު މިއަދު ވަނީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ.
ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، މިއަދު ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރަން ގަސްތުކުރީ ބިލާމެދު މަޝްވަރާކޮށް ކޮމިޝަންގެ މެންބަރުންގެ ހިޔާލު ހޯދުމަށް ކަމަށެވެ.
އެހެންކަމުން ބިލްގައި ކަންބޮޑުވުން އޮތް މާއްދާއެއް، އޮތްނަމަ އެކަންބޮޑުވުން ފާޅުކޮށް، އުފެއްދުންތެރި ހިޔާލު ފުޅެއް އޮތިއްޔާ ފާހަގަކޮށް ދެެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
ކޮމިޝަނަށް ދިން ފުރަތަމަ ފުރުސަތުގައި، ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގް ފުރަތަމަ ވެސް ސުވާލު ކުރެއްވީ، އެ ބިލް ޑްރާފްޓްކުރުމުގެ މަރުހަލާގައި ކަމާބެހޭ އެއްވެސް ފަރާތަކާ މަޝްވަރާ ކުރިން ތޯ އާއި ކަމާބެހޭ އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯއެވެ.
މުގައްރިރު ވިދާޅުވީ އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށެވެ.
ސަރުކާރުން ތާއީދުކޮށް ދިފާއު ކުރި ނަމަވެސް އަމިއްލަ ހައިސިއްޔަތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.
ކޮމިޓީގައި އިތުރު ވާހަކަ ދައްކަވަމުން ސަފާ ވިދާޅުވީ މިއީ ހުރިހާ ފަރާތްތަކާ ގުޅުންހުރި ބިލެއްކަމުން، ބިފަދަ ބިލެއް ހުށަހަޅާ އިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުން މުހިންމު ކަމަށެވެ.
ސަރުކާރުގެ ސިޔާސަތަކީ ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅަކީވެސް ކަންކަން ނިންމުމުގެ ކުރިން ފުޅާދާއިރާއެއްގައި ދިރާސާކުރުން ކަމަށް ވެސް ސަފާ ވިދާޅުވިއެވެ.
އެގޮތުން ބިލުގައި ހުރި ބައެއް ކަންބޮޑުވުންތައް ފާޅުކުރައްވައި އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރާ އަދަދުތައް ކަނޑައަޅާފައިވަނީ ދިރާސާއެއް ނުކޮށް ކަމަށާއި ނޫސްވެރިންނަށް މުސާރަ ލިބޭވަރާއި މީޑިއާތަކުގެ އާމްދަނީއަށް ބަލައިގެން އެ އަދަދުތައް ކަނޑައަޅަން ޖެހޭނީ އެހެން ގައުމުތަކުގަައި މީޑިއާ ރެގިއުލޭޓް ކުރަން އޮންނަ ގޮތް ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ބަލައި ކަމަށާއި އަދި ސެލްފް ރެގިއުލޭޓަރީ ނިޒާމަކާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީޑިއާތަކާއި އޯޓީޓީ ޕްލެޓްފޯމްތައް ވެސް ބެލެހެއްޓުން އެއް ކޮމިޝަނަށް ގެންނައިރު އެއީ ކުރަން އެންމެ ރަނގަޅު ކަމެއްތޯ ދިރާސާކުރަން ޖެހޭ ކަމަށާއި މިވަރުގެ ބިލަކަށް މަޝްވަރާކޮށް އިތުރަށް ދިރާސާ ކުރަން ވަގުތު ބޭނުންވާނެ ކަމަށްވެސް ވިދާޅުވިއެެވެ.
ސަފާ ވިދާޅުވީ، މީގެކުރިންވެސް ބިލާބެހޭގޮތުން ކޮމިޝަންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން، ތިން ސިޓީއެއް މަޖިލީހަށް ފޮނުވި ކަމަށެވެ.
މިހާރު ހުށަހަޅާފައިވާ ބިލްގައި ވެސް އަޅަން ހުރި ވަރަށް ގިނަ ފިޔަވަޅުތަކާއި ކަންކަމަކީ ވެސް ބްރޯޑްކޮމްގެ ގާނޫނުގައި މިހާރު ވެސް ހިމަނާފައިވާ ކަންކަން ފާހަގަ ކުރައްވައި ސަފާ ވިދާޅުވީ، ކޮމިޝަނަށް އެކަންކަން ތަންފީޒު ނުކުރެވެނީ ބަޖެޓާއި ވަސީލަތްތައް މަދުވުމުން ކަމަށެވެ.
އެހެންކަމުން އާ ކޮމިޝަނެއް ހެދި ނަމަވެސް ބަޖެޓާއި ވަސީލަތްތައް ނުލިބޭ ނަމަ ގާނޫނު ތަންފީޒު ނުކުރެވޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ބައެއް މިސާލުތައް ނަންގަވަމުން ސަފާ ވިދާޅުވީ، ކޮމިޝަނުން ބްރޮޑްކާސްޓަރުންގެ ކޮންޓެންޓް މޮނީޓާކުރަން އެކަށީގެންވާ ނިޒާމެއް ގާއިމްކުރަން އެކޮމިޝަނުންވެސް ބަޖެޓަށް އެދޭތާ އެތައް އަހަރެއްވެފައިވާ ކަމަށެވެ.
ނަމަވެސް އެކަމަށް ބަޖެޓް ނުލިބި އެކަން ރަނގަޅަށް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ކޮމިޝަންގެ އެހެން މެންބަރުންވެސް، ކޮމިޝަންގެ ރައީސްގެ ވާހަކަތަކަށް ތާއީދު ކުރައްވައި ބިލްގައި ހުރި ކަންބޮޑުވުންތައް ވަނީ ފާޅު ކުރައްވައިފައެވެ.
އިބްރާހިމް ޒަކީ
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް