ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލާ ގުޅޭގޮތުން، ނޫސްވެރީންގެ ހުރި ކަންބޮޑުވުންތައް ވިސްނިވަޑައިގަންނަވާ ކަމަށާއި ސަރުކާރުގެ ފަރާތުން އެ ބިލުގައި ހުރި ކަންކަން އިސްލާހުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކުރެއްވުމަށް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައިވުމުން، ރައީސް ވަނީ މިއަދު އެ ޖަމިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އޮފީހުގައެވެ.
ރައީސް އޮފީހުން އެ ބައްދަލުވުމުގެ މައުލޫމާތު ހާމަކޮށް ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ އެމްޖޭއޭގެ ފަރާތުން ބިލާ ގުޅޭގޮތުން ހުށަހެޅި ކަންބޮޑުވުންތައް ވިސްނިވަޑައިގަންނަވާކަމަށް ވިދާޅުވެފައި ކަމަށެވެ. އަދި އެ މަނިކުފާނު، ނޫސްވެރިންގެ ކަންބޮޑުވުންތައް އަބަދުވެސް އަޑުއައްސަވާ ކަމަށާއި މިއީ 100 ޕަސަންޓް މީޑިއާ ޕްރޯ ސަރުކާރެއް ކަމަށް ރައީސް، ބައްދަލުވުމުގައި ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ސަރުކާރުގެ ފަރާތުން މީޑިއާތަކަށް އެއްބާރުލުން ލިބެމުންދާނެ ކަމަށާއި މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ރައީސް ވަނީ ފާހަގަކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަދި ރައީސް ވަނީ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ވަކިވަކި މާއްދާތަކުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުގެ ފަރާތުން އިސްލާހު ކުރާނެ ކަމަށްވެސް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލު ބާއްވަން ބޭނުންނުވާކަން ފާހަގަކުރެއްވުމުގެ އިތުރުން ރައީސް ވަނީ މީޑިއާ ކޮމިޝަނަށް މެންބަރުން އައްޔަނު ކުރުމުގައިވެސް ސަރުކާރުގެ އެއްވެސް ދައުރެއް ބާއްވަން ބޭނުން ނުވާކަމަށް ވިދާޅުވެފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު