ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން ނޫސްވެރިން އިއްޔެ ކުރި މުޒާހަރާގައި އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮފައި ނުވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މީޑިއާ ބިލާ ގުޅިގެން މަޖިލިސް އިދާރާގައި އިހުތިޖާޖު ކުރުމަށްފަހު ނޫސްވެރީން ވަނީ ރައީސް އޮފީސް ކުރިމަތީ އަދި މުލިއާގޭ ދޮށަށް އެއްވެ މުޒާހަރާކޮށްފަ އެވެ. އެ އެއްވުން ރޫޅާލުމަށް ޓަކައި އިއްޔެ ބައެއް ނޫސްވެރިން ޖިޕަށް އެރުވުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިއްޔެ މުޒާހަރާއިން ހައްޔަރުކޮށްފައިވާ ނޫސްވެރިން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. އެ ޕޯސްޓަށް ރައްދު ދެއްވައި އިހުސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިން އިއްޔެ ކަނޑައެޅިގެން ގާނޫނާ ހިލާފުވެފައިވީ ނަމަވެސް އެއްވެސް ނޫސްވެރިޔަކު އިއްޔެ ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"ނޫސްވެރިން މުޒާހަރާކުރަމުން ދިޔައީ ސެކިއުރިޓީ / ގްރީން ޒޯނެއްގައި (ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ގެކޮޅުގެ ކުރިމަތީގައި) އަދި މިއީ ގާނޫނާ ހިލާފު ކަމެއްކަމުގައި ވާއިރު، ފުލުހުން ވަނީ އެތައް ފަހަރެއްގެ މަތީން އަނގަބަހުން އިންޒާރުދީ އިރުޝާދު ދިނުމަށްފަހު، އެ ސަރަހައްދުން ބައެއް ނޫސްވެރިން ނެރެފަ." އިހުސާނު ވިދާޅުވި އެވެ.

އިހުސާނުވަނީ ހާއްސަކޮށް މަތީ މަގާމުތަކުގައި ތިބޭ ފަރާތްތަކުން، ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް އެދިވަޑައިގެންފަ އެވެ.