ހދ. ނޭކުރެންދޫގެ ހޭންޑްބޯލް ކޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މުއިއްޒު، ނޭކުރެންދޫ ހޭންޑްބޯލް ކޯޓު ހުޅުއްވައިދެއްވީ އެ މަނިކުފާނު މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ނޭކުރެންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިއްޔާތުގައި ނޭކުރެންދޫ ކައުންސިލުންނާއި ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި އެހެން ބައެއް ސަރުކާރުގެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހޭންޑްބޯލް ކޯޓު ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެ ކޯޓު ބައްލަވައިލައްވައިފައެވެ.

ރައީސް މުއިއްޒު، މިމަހުގެ 19 ވަނަ ދުވަހު އއ. ހިމަންދުއަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވެފައިވަނީ ހޭންޑްބޯޅައަކީ މިހާރު ރާއްޖޭގައި ކުރިއަރަމުން އަންނަ ކުޅިވަރެއް ކަމަށާއި ހޭންޑްބޯޅަ ކޯޓުތައް ހެދުމުގެ މުޅިން އާ މަޝްރޫއެއް އަންނަ އަހަރު ފަށާނެ ކަމަށެވެ. އަދި އެ މަނިކުފާނު ވަޑައިގަންނަވާ ރަށްރަށުގެ ރައްޔިތުން ހޭންޑްބޯލް ކޯޓެއް ހެދުމަށް އެދެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

26 އޮގަސްޓު 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. ނޭކުރެންދޫގެ، ހޭންޑްބޯލް ކޯޓު ހުޅުވައިދެއްވުމަށްފަހު އެތަން ބައްލަވާލައްވަނީ---- ފޮޓޯ: ރައީސް އޮފީސް

"ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަޖެޓު ނިންމާފަ، ބަޖެޓުގެ މަސައްކަތް އަޅުގަނޑުމެން ހުށަހަޅަން ޖެހޭ މަޖިލީހަށް އޮކްޓޫބަރުގެ ތެރޭގައި. ހުށަހަޅާއިރު އަޅުގަނޑުމެން ހިމަނާ އެއް ޕްރޮގްރާމަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގެ، އެއީ ހުރިހާ ރަށެއް ނޫން، ހޭންޑްބޯލް ކޯޓް ބޭނުންވާ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ ޕްރޮގްރާމެއް. ނިއު ޕޮލިސީ އިނިޝިއޭޓިވް ތެރޭގައި، ނޫނިއްޔާ އާ މަޝްރޫއުތަކުގެ ތެރޭގައި އެބަ ހިމަނަން. ދެ އަހަރު ދުވަހަށް ބަހާލައިގެން 2026 އާއި 2027 އަށް ބަހާލައިގެން ރާއްޖޭގައި ހޭންޑްބޯލް ކޯޓު އަޅަން ބޭނުންވާ ރަށްރަށުގައި ހޭންޑްބޯލް ކޯޓު އަޅައިދިނުމުގެ މަޝްރޫއެއް،" ރައީސް ވިދާޅުވެފައިވެއެވެ.

ރައީސް ވިދާޅުވެފައިވަނީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި އެ ކުޅިވަރުން ރާއްޖެއިން ދަނީ ކުރިއެރުން ހޯދަމުން ކަމަށެވެ.