ހދ. ހަނިމާދޫ ސްކޫލުގެ އާ އިމާރާތް ހެދުމާއި އުމްރާނީ ތަރައްގީތައް ގެނައުމުގެ މަޝްރޫއު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ހަވާލުކޮށްފިއެވެ.
އެ މަޝްރޫއު އެފްޑީސީއާ ހަވާލުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ އަތޮޅަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގެ ތެރެއިން މިރޭ ހދ. ހަނިމާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
އެ މަޝްރޫއުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ޝަރީފް މުހައްމަދެވެ. އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރައްޒާނެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަޝްރޫއު ކުރިއަށްގެންދާނީ 8 ކްލާސްރޫމާއި ލައިބްރަރީއާއި އާ ސްޓާފްރޫމާއި ސައިންސްލެބާ އެހެންވެސް ވަސީލަތްތައް ހިމެނޭގޮތަށް ކަމަށެވެ.
ރައީސް ވިދާޅުވީ، ހަނިމާދޫ ސްކޫލުގެ އާ އިމާރާތުގެ ސަބަބުން ސްކޫލުގެ ޖާގައިގެ ދަތިކަން ގިނަ އަހަރުތަކެއްވަންދެން ހައްލުވެގެންދާނެ ކަމަށެވެ.
މިހާރު ސްކޫލު ހުންނަ ތަން ބަދަލުކޮށްދިނުމަށް ހަނިމާދޫގެ ރައްޔިތުން އެދިފައިވާތީ، އެކަމުގެ މަސައްކަތްތައް ވެސް އަންނަ އަހަރު ރާއްވަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަލީ ޔާމިން
ހދ. ހަނިމާދޫ
ހދ. ހަނިމާދޫ
ހދ. ހަނިމާދޫ