އިންޑިއާގައި ޖަލަށްލާ ލީޑަރުން މަގާމުން ވަކިވާ ބިލެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

އިންޑިއާގެ ވެރިކަންކުރާ ޕާޓީ، ބާރަތިޔާ ޖަނާތާ ޕާޓީއިން އެގައުމުގެ މަޖިލީހަށް ހުށަހަޅާފައިވާ އެބިލުގެ ސަބަބުން އެގައުމުގައި އާންމުންނަށް ހިދުމަތް ކުރާ ފަރާތްތަކުން ކޮރަޕްޝަނާއި ގާނޫނާ ހިލާފު އަމަލުތައް ކުރުން ހުއްޓިގެން ދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެބިލުގައި ވާގޮތުން އެގައުމުގެ އެއްވެސް މަގާމަކަށް އިންތިހާބުވެފައިވާ އެއްވެސް ލީޑަރެއް ކުށެއްގައި ނުވަތަ ތުހުމަތެއްގައި 30 ދުވަހުގެ މުއްދަތަަކަށް ޖަލަށް ލައިފި ނަމަ އަދި ފަސް އަހަރުގެ މުއްދަތެއްގެ ހުކުމެއް އަތުވެއްޖެ ނަމަ އެމީހެއްގެ މަގާމުން ވަކިވާނެ ކަމަށެވެ.

އެބިލު މަޖިލީހަށް ހުށަހަޅާފައިވާ އިރު، ބިލުގެ މަސައްކަތް އެމަޖިލީހުގެ ކޮމެޓީގައި ފަށާފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އެކޮމެޓީގައި އެގައުމުގެ ސަރުކާރާއި އިދިކޮޅު މެންބަރުން ހިމެނޭ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.

އިންޑީއާގެ ސަރުކާރު ހިންގާ ޕާޓީއިން ހުށަހަޅާފައިވާ އެބިލުގެ ސަބަބުން އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.