ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައަކީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް"އާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް" ގައި ޕޯސްޓުތަކެއް ކޮށްފައިވާ މައްސަލަ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި ސ. ހިތަދޫ / އަތަމާވިލާ، އަލީ އާނިމް މުފީދު (29އ) ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އޭނާގެ މައްޗަށް ތިން ކުށެއްގެ ތުހުމަތުކުރެއެވެ. އޭގެ ތެރެއިން އެއް ތުހުމަތަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމަށް ޓީވީ ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރުމުގެ ކުށެވެ.

ދެވަނަ ތުހުމަތަކީ ގާނޫނުލްއުގޫބާތުގެ ދަށުން؛ އާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ އަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަ ފަދަ ޙާލަތެއް އުފެއްދުމެވެ.

އޭގެ އިތުރުން ގާނޫނުލްއުގޫބާތުގެ ދަށުން، ކުށެއް ކުރުމަށްޓަކައި ކުށުގެ ނިޔަތް އޮތުން ވެސް އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ހިމެނެއެވެ.

"މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލް" މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އިއްޔެ ހުށަހެޅި އެ ބިލާ ގުޅިގެން މީޑިއާތަކާއި ނޫސްވެރިން ގެންދަނީ އިހުޖާޖުކުރަމުންނެވެ.

މިދިޔަ އަހަރުވެސް ހަންނާން އެ ބިލު ހުށަހެޅުއްވިއެވެ. ނަމަވެސް، ގިނަ ޕްރެޝަރުތަކެއް ކުރިމަތިވުމާއެކު ވަނީ އެ ބިލު އަނބުރާ ގެންދަވައިފައެވެ. މި ފަހަރުގެ ބިލުގައި ހަންނާން ވަނީ ބައެއް ބަދަލުތައް ގެންނަވައިފައެވެ.

މި ފަހަރު މައިގަނޑު ތިން ބަދަލެއް ފާހަގަވެފައިވާ އިރު، އެއް ބަދަލަކީ މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ގެންނަ ބަދަލެވެ. ކުރިން ބިލުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންނާއެކު ކޮމިޝަން އެކުލެވިގެންވަނީ ހަތް މެންބަރުންގެ މައްޗަށެވެ.

މި ފަހަރުގެ ބިލުގައި ވަނީ، ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ. އަދި މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ.

ކުރީގެ ބިލުގައި ވެސް އޮތްގޮތަށް ކޮމިޝަންގެ މެންބަރުކަމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. ނަމަވެސް ވިދިވިދިގެން ދެ ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމެއް ނުކުރެވޭނެއެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ކުރިން އޮންނަގޮތުން ކޮމިޝަންގެ ރައީސަކާއި ނައިބު ރައީސެއް އައްޔަން ކުރާނީ މަޖިލީސްގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. ނަމަވެސް މިފަހަރުގެ ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ކޮމިޝަންގެ ރައީސެވެ. އަދި ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް މިފަހަރުގެ ބިލުގައިވެއެވެ.

މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާ އިން ޖޫރިމަނާގެ އަދަދުތައް ބޮޑުކަމަށް ބުނެ، ކަންބޮޑުވުން ފާޅުކުރި ނަމަވެސް، މިފަހަރުގެ ބިލުގައި އެ އަދަދުތައް އިތުރަށް ވަނީ ބޮޑުކޮށްފައެވެ.

ކުރީގެ ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މިފަހަރު ހުށަހެޅި ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

މަޖިލީހުގެ މި ދައުރު ނިންމާލައި ޗުއްޓީއަށް ދިޔައީ، އެ ބިލު އިތުރަށް ދިރާސާކުރުމަށްފަހު އެ ބިލުގެ ބަހުސް ކުރިއަށްގެންދާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން ކަނޑައެޅުމަށް ފަހުގައެވެ.

މީޑިއާތައް ސަރުކާރަށް ކޮންޓްރޯލުކުރެވޭގޮތަށް އޮތް ބިލު އަނބުރާ ގެންދަން ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިންވެސް ވަނީ ގޮވާލައިފައެވެ.