އއ. އުކުޅަހުގައި ގެސްޓުން ގޮސް އުޅޭ ގޮތާ ގުޅޭގޮތުން އެ ރަށު ކުޑަކުދިން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އުކުޅަހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ ކުޑަކުދިންތަކެއް އެ މަނިކުފާނަށް ދެއްވި މެސެޖެއް ވިދާޅުވެދެއްވައިފައެވެ.

"ކޮއްކޮމެން ބޭނުން ބީޗަށް ދާން، އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް. ބީޗުގައި ވެސް، ރެސްޓޯރެންޓުގައި ވެސް، މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން،" ކުރެހުމަކާއެކު ރައީސަށް އެރުވި ލިޔުންކޮޅެއްގައި އެ ކުދިން ފާހަގަކުރިއެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ލޯކަލް ޓޫރިޒަމް ހިންގަނީ ވަކިން އޮތް ރިސޯޓެއްގައި ނުވަތަ ވަކިވެފައި އޮންނަ ބިންތަކެއްގައި ނޫން ކަމަށާއި އެހެންވީމާ ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. އަދި އެ އިންޑަސްޓްރީގެ ތެރެއިން ކުރިއަށްދާ އިރުގައި، އެ މުއްސަނދިކަމާއި ފާގަތިކަން ހޯދާ އިރުގައި، އެ ހަގީގަތް ވަރަށް ބޮޑަށް ސިކުނޑީގައި ބަހައްޓަން ޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި ދެންނެވި ވާހަކައަކީ އަޅުގަނޑުމެންގެ ގަބޫލުކުރުންތައް، އަޅުގަނޑުމެންގެ އަގީދާ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީން އެކަމަކަށް ހުއްދަ ނުކުރާ، ނޫނިއްޔާ އަޅުގަނޑުމެންގެ މާހައުލުގެ ތެރޭގައި ހިނގައިގެން ނުވާނެ ކަންކަމުގެ ތެރެއަށް މި އިންޑަސްޓްރީގެ ތެރެއިން އަޅުގަނޑުމެންގެ ކުޑަކުދިންނާއި، އަޅުގަނޑުމެންގެ އާއިލާތައް ވަަދެގެން ދިއުމަށް ފުރުސަތުދިނުމަކީ އަޅުގަނޑުމެން ކޮށްގެންވާނެ ކަމެއް ނޫންކަން، އެ ވާހަކަ ދަންނަވާލަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންކަން ކުރަންވާނީ ގާނޫނުތަކާއި ގަވާއިދުތައް ހުއްދަދޭ ގޮތަށް ކަމަށާއި ރިސޯޓުތަކާއި ސަފާރީތަކުގައި ކުރެވޭ ކަންކަމެއް އާންމު ރައްޔިތުން ދިރިއުޅޭ ރަށްރަށުގައި ނުކުރެވޭނެ ކަމަށެވެ. އެހެންވީމާ ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން، އަދި އިސްލާމްދީނުގައި ހުއްދަ ނުކުރާ ދިމަދިމާއަށް އެ މުއްސަނދިކަން ހޯދުމުގެ ތެރެއަށް ދާން ވިސްނާކަމަށް ވަންޏާ، ދަރިންގެ މުސްތަގުބަލު އެ ހަލާކުކޮށްލެވެނީ އަމިއްލައަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަމިއްލައަށް، އަޅުގަނޑުމެންގެ އަމިއްލަ ނަފުސަށް ކޮން ކަމެއް އޮޅުވާލަންތޯ މި މަސައްކަތްކުރަނީ، މީގެ ތެރެއިން ވިސްނަން މި ޖެހެނީ. އެހެންވީމާ މި ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާ އިރުގައި، އަޅުގަނޑުމެންގެ މި އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކައިރީގައި އޮންނަ ސަފާރީއެއްގައި، ރަށުގެ އިހުތިސާސް މިންކޮށްފައި 700 މީޓަރު އެޅޭ ހިސާބުން އެއް ފޫޓު ބޭރުގައި ސަފާރީއެއް ބާއްވައިގެން އެއަށް ސިއްރު ސިއްރުން ގެސްޓުން ގެންގޮސްގެން، ރާ ވިއްކައި ރާ ދީ ހަދައިގެން، އަނެއްކާ އަނބުރާ ރަށަށް ގެނައުން ފަދަ ކަންކަން ވެސް ހިންގަމުންދާ ކަމަށެވެ. އަދި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަން ޖެހޭނީ އަމިއްލަ ނަފުސަށް އިހުލާސްތެރިކަންމަތީ ތިބެގެން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.