އއ. ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ހަމަޖައްސައި، އެ ފަޅުގައި ޕިކްނިކް އައިލެންޑެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފެރިދޫގައި މިއަދު ހަވީރު ބޭއްވި ޖަލްސާގައި ވަނީ، ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި ޕިކްނިކް އައިލެންޑެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައެވެ.
ފެރިދޫޫގައި ދޯނި އެހެލާ ސަރަހައްދެއް ހެދުމާއި ޕިކްނިކް އައިލެންޑެއް ގާއިމުކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ މަޝްރޫއުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ސޮއިކުރެއްވި އިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ މަޝްރޫއުތަކަކީ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތަކެއް ކަމަށާއި ޕިކްނިކް އައިލެންޑަކީ ފެރިދޫގެ ޓޫރިޒަމް ދާއިރާ އާއި އިގުތިސާދީ ދާއިރާއިން ކުރިއަށްދިއުމުގައި ވަރަށް މުހިންމު ތަނެއް އަދި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް ކުރަންވާނީ ރަށުގެ ގުދުރަތީ ރީތިކަން ގެއްލި، ތުނޑި ހަލާކުވެ، ރަށް ގިރާނެ ގޮތެއް އިތުރަށް ދިމާވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"އެހެންވީމާ ތިބޭފުޅުންގެ މި ރަށުގެ، ފެލިދޫގެ ތަރައްގީގެ މުސްތަގުބަލަށްޓަކައި ރަށަށް އާމްދަނީ ހޯދޭނެ އިތުރު ވަސީލަތެއްގެ ގޮތުގައި ކަންތައްތައް ކޮށްދިނުމުގެ ގޮތުން މާފަރު ފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި، ދެންމެ މި ސޮއިކުރި ޕިކްނިކް އައިލެންޑް އެ ފަޅުގައި ގާއިމުކުރަން އަޅުގަނޑު ނިންމި ވާހަކަ ދަންނަވަން،" އެ މަނިކުފާނު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވަނީ، ފެރިދޫ ސްކޫލު ހެދުމާއި ފެރިދޫ ސިއްހީ މަރުކަޒު ތަރައްގީކުރުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ.
އއ. ފެރިދޫ
އއ. ފެރިދޫ
އއ. ފެރިދޫ
އއ. ފެރިދޫ