ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ގ. ޒާމިއާ، މާލެ، އަހުމަދު އަފްރާހު (48އ) އެވެ. ފުލުހުން، އަފްރާހު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގައެވެ. އޭނާ ބަންދުކޮށްފައި ހުރީ އަތޮޅުވެހީގައެވެ.

ފުލުހުން މިއަދު ބުނީ މިއަދު ފަތިހު 5:50 އެހާކަންހާއިރު ބެލި އިރު އަފްރާހުގެ ހަރަކާތް ހުއްޓިފައިވާ ކަމަށް ފާހަގަކުރެވުމުން އައިޖީއެމްއެޗަށް ގެންގޮސްފައިވާނެ ކަމަށެވެ.

"އަހުމަދު އަފްރާހު ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވެއެވެ،" ފުލުހުން ބުންޏެވެ.

އަފްރާހުގެ މަރުވި މައްސަލަ ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން އިން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އަދި އެ ހާދިސާގެ މައުލޫމާތު ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އާ ހިއްސާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ އަފްރާހު މަރުވި ހާދިސާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ޕްރޮޕެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.