މާލޭގެ ގެއެއްގެ ތެރޭގައި ބަންގުލަދޭޝް މީހަކު ރަހީނުކުރުމަށްފަހު، އޭނާގެ އާއިލާއަށް ގުޅައިގެން ފައިސާ ހޯދަން އުޅުނު ބަންގުލަދޭޝް ދެ މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން، މިދިޔަ ހުކުރު ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ސަދީގުލް މިއާ (37އ) އަދި މުހައްމަދު އަޒީޒުލް (37އ) އެވެ.

ފުލުހުން އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުން ރަހީނުކުރި ބަންގުލަދޭޝް މީހާއަކީ ޝަޖާހަން ނަމަކަށް ކިޔާ މީހެކެވެ. ޝަޖަހާން، ރަހީނުކޮށް، ގެއެއްގެ ތެރޭގައި އަނިޔާކުރަމުންދާކަމުގެ ރިޕޯޓް ފުލުހުންނަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ލިބުމުން، ފުލުހުން ވަނީ އޭނާގެ ސެލް ލޮކޭޝަން މެދުވެރިކޮށް އޭނާ ރަހީނުކޮށް ބަހައްޓައިފައިހުރި ތަން ދެނެގަނެފައެވެ.

ސެލް ލޮކޭޝަން ބެލުމުން ޝަޖާހަން ރަހީނުކޮށްފައި ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ގެއެއްގެ ތެރޭގައިކަން ފުލުހުންނަށް އެނގުނެވެ. ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔައިރު ގޯޅިތެރޭގައި ހުންނަ އެސް.އައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަން ފެނިފައިވެއެވެ.

ފުލުހުން، ޝަޖަހާން ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ރަހީނުކޮށް ބިރު ދައްކައި އަނިޔާކުރި ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް އަމުރުގައިވެއެވެ.

ޝަޖަހާން ރަހީނުކޮށްފައި ހުރި ތަނަށް ފުލުހުން ވަންއިރު އެ ތަނުގައި މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން ތިއްބެވެ. ފުލުހުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުށުގެ ވެށިންނެވެ.

އެ މައްސަލައިގައި ހައްޔަރުކުރި ސަދިގުލްއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ އަދި ތިލަފުށީގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ވަނީ ރަހީނު ކުރުމުގެ ކުށުގެ ތުހުމަތަށް އިންކާރުކޮށްފައެވެ.

ދެން ހައްޔަރުކުރި އަޒީޒުލްއަކީވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއްކަމަށް ކޯޓު އަމުރުގައިވެއެވެ. އަޒީޒުލް ކޯޓުގައި ބުނެފައިވަނީ އޭނާ ލައްވާ، ޝަޖަހާން މަސައްކަތްކުރުމަށް ފަހު އެ މަސައްކަތަށް ވާ ފައިސާ ނުލިބި ތަކުރާރުކޮށް އޭނާއަށް ގުޅައި ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ ދީފައި ނުވާ ކަމަށެވެ. އެހެންވެ އޭނާއަށް ގުޅައިގެން ކޮޓަރިއަށް ގެންދިޔަ ކަމަށާއި އޭނާގެ ގައިގައި ޖަހާފައިވާނެކަމަށް އަޒީޒުލް ބުނެފައިވެއެވެ.

ކުރިމިނަލް ކޯޓުން އެ ދެ މީހުންގެ ބަންދު އިތުރުކުރަން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް ރިއާޔަތް ކުރުމުގެ އިތުރުން އެއީ އެ މީހުން ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފާނެތީއެވެ.