ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 55 ރަށެއްގައި ކައުންސިލް އިދާރާގެ އިމާރާތް ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކޮށްފިއެވެ.

ޖުމުލަ 36 މިލިއަން ޑޮލަރު (555 މިލިއަން ރުފިޔާ) ހަރަދުކޮށްގެން، ސަރުކާރުން ފަށަން ނިންމާފައިވާ މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލު ކުރީ، މެލޭޝިއާގެ ހެކްސްޓާ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް އެ އެއްބަސްވުން ފަހުން ބާތިލުކުރިއެވެ.

ލޯކަލް ގަވަމަންޓް މިނިސްޓްރީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ، އެ މަޝްރޫއުގެ އެއްބަސްވުމުގައި އާރުސީސީއާއެކު މިއަދު ސޮއިކޮށްފައިވާ ކަމަށާއި އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ މަސައްކަތް އަހަރު ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އަދި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރުވެސް މަޝްރޫއުގައި ހިމެނޭނެ ކަމަށް ބުންޏެވެ.

އާރުސީސީއާ ކައުންސިލް އިމާރާތްތައް ހަދަން ހަވާލުކުރީ ކިހާ އަގަކަށް ކަމެއް ސާފެއް ނޫނެވެ. އެކަމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އާރުސީސީގެ ބަހެއްވެސް ވަނީ އަދި ލިބޭ ގޮތް ނުވެފައެެވެ.